ނަފްސާނީ ބަލީގެ ފަރުވާ އަތޮޅުތެރެއަށްވެސް ފުޅާކުރަނީ

10 Oct 2019 | 14:06

ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ވަސީލަތްތައް އަތޮޅު ތެރޭގައި ގާއިމްކުރުމަށްވެސް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މާލެއާއި އެއްގޮތަށް އަތޮޅު ތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ވަސީލަތްތައް ގާއިމްކުރާނެކަމަށެވެ.

އެއީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ހޮސްޕިޓަލް އަދި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލެވެ.

މީގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނަފްސާނީ ބައްޔާ މެދު މުޖުތަމައު ހޭލުންކުރުމަށާއި މިފަދަ ބަލި މީހުންނަށް އާއިލާ އާއި މުޖުތަމައުން ދޭންވާ އަޅާލުމަށް އަހުލުވެރިކުރުމަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައްވެސް ފެށިފައިވާކަމަށް އަމީން ހާމަކުރެއްވިއެވެ.

މާލޭގެ އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެ ސެންޓަރުން މިހާތަނަށް 4000 އެއްހާ މީހުންނަށް ފަރުވާ ދެވިފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ.

Advertisement

ކޮމެންޓް

Advertisement