ޙުސެއިން ރަޝީދެވެ! ތިޔައީ ޞަޙީޙް މުސްލިމަށް ކުރާ ފުރައްސާރައެއްތޯ؟

12 Oct 2019 | 13:15

ރެޔަކީ، ޝެއިޚް ޙުސެއިން ރަޝީދު އަޙްމަދުގެ ޞަޙީޙް މުސްލިމްގެ ތަރުޖަމާ 10 ވަނަ އަދަދު ނެރުއްވި ރެއެވެ. ކުރިން އަދަދުތަކާ އެއްފަދައިން، ރޭގެ އަދަދުވެސް ނެރެދެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

ޞަޙީޙް މުސްލިމްގެ ތަރުޖަމާއަކީ ޙުސެއިން ރަޝީދު ކުރައްވާ ބުރަ މަސައްކަތެއް ކަމާމެދު އެއްވެސް މީހަކު ދެބަސް ނުވާނެއެވެ. އަދި އެކަމުގައި އޮތީ ރަނގަޅު ނިޔަތެއް ކަމާމެދުވެސް ގިނަ މީހުން އެއްބަސް ވާނެއެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ޙަދީޘްފުޅުތައް ދިވެހި ރައްޔިތުންނަށް، އެބައިމީހުންގެ އަމިއްލަ ބަހުން ކިޔައިލުމުގެ ފުރުޞަތު ފަހިކޮށްދެއްވުމެވެ. އެކަމަށްޓަކައި، ޙުސެއިން ރަޝީދަށް ފަށްފަށުން ޝުކުރު އަދާކުރަމެވެ. އަދި، ތިޔަ މަސައްކަތުގައި ކުރިޔަށް ވަޑައިގަތުމަށްވެސް ތަރުޙީބު ދެމެވެ.

ނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ސިކުނޑި ކޮސްވާފަދަ ކަމެއް ވެސް ހުސެއިން ރަޝީދު އެބަ ކުރައްވައެވެ. އެއީ ކުރިން ދެންނެވި ފަދައިން މި ފޮތް ނެރުމުގެ ޝަރަފު ކޮންމެ ފަހަރަކު ދެއްވަނީ ރައީސް މުޙައްމަދު ނަޝީދަށް ކަމަށްވުމުންނެވެ. އެހެނީ، ދީނީ ގޮތުން އޭނާގެ އޮންނަނީ ވަރަށް ޚަރާބުވެފައިވާ އަބުރެކެވެ.

ނަމަވެސް އެހުރިހާ ކަމެއް އެއްފަރާތުގައި ބާއްވާފައި، ރޭގެ ވާހަކައަށް ދަމާ ހިންގަވާށެވެ. ރޭގައި އެފޮތް ޢާންމު ކޮށްދެއްވަމުން، 16 މިނިޓެއްހާ އިރު ވާހަކަފުޅު ރައީސް ނަޝީދު ދެއްކެވިއެވެ. މުޅި ވާހަކަ ބިނާކުރެއްވީ އެމްޑީއެން އިން ނެރުނު ރިޕޯޓުގެ ދިފާޢުގައެވެ. 

އޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވިއެވެ. އޭގައި ހަމައެކަނި ހުރީ ކުދިކުދި ލިޔުމުގެ ކުށް ކަމަށާއި، ޢިބާރާތްކުރުމުގައި ހުރި ކުށް ކަމަށެވެ. އަދި ﷲ އާއި ރަސޫލާގެ ނަންފުޅުގެ ފަހަތަށް، عز وجل އަދި ޞަލަވާތް ލެވިފައި ނުވުން ފަދަ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި އެއީ އިނގިރޭސި ޔުނިވާސިޓީތަކުން ކިޔަވައިގެން ތިބި ކުދިންނަށް ވުމުން އެކުދިންނަށް، ދިވެހިން ޢިބާރާތްކުރާ މާތް ބަހުރުވައިން އެފަދަ ޢިބާރާތްތައް ޢިބާރާތް ކުރަން ނޭނގުނީކަމަށް ވިދާޅުވިއެވެ. އެކުދިންގެ އެއްވެސް ނުބައި ނިޔަތެއް، ފުރައްސާރައެއް ކުރުން އެކަމުގައި ނުވާ ކަމުގައި ވިދާޅުވިއެވެ.

މުޅި، ވާހަކަގައި އޮތީ، އެމްޑީއެން އިން ކުރި ކަމަކީ އެއްވެސް މައްސަލައެއް ނޫން ކަމުގައެވެ. އެއިގެ ދިފާޢުގައެވެ.

އެކަމަކު، ދަންނާށެވެ. ނަޝީދު އެކުރެއްވީ ވަރަށް ބޮޑު ހުތުރު ޢަމަލެކެވެ. އެ ހެއްދެވީ ވަރަށް ބޮޑު ބުހުތާނެކެވެ. ހައްދަވާފައި ވަނީ މުޅިން އިތުރުފުޅެވެ.

އެމްޑީއެންގެ ރިޕޯޓުގައި ސީދާ މާތް ނަބިއްޔާ އަކީ، ހައްދުފަހަނައަޅާފައިވާ، ތަކްފީރީއެކޭ ބުނެފައި އެބަވެއެވެ. އެކަލޭގެފާނު ދެކެ ލޯބިވުމަކީ، ކުޑަ ކަލާނގެއަކަށް އެކަލޭގެފާނުގެ ދަރަޖަ ގެންދިއުން ކަމަށް ބުނެފައި އެބަވެއެވެ. 

އިސްރާއި މިޢުރާޖަށް އިންކާރުކޮށް، އެފަދަ ކަންކަން ފޮތްތަކުގައި ހިމެނިގެން ނުވާނެ ކަމަށް ބުނެފައި އެބަވެއެވެ. މާތް ﷲ ގެ ކަށަކުޅަދުންވަންތަ ކަމަށް ޝައްކު އުފައްދާފައިވެއެވެ. ފެށިގެން ގޮސް ނިމެންދެން، އޭގައި އޮތީ، އިސްލާމްދީނާމެދު ނަފްރަތު ކުރާ "އިސްލާމަފޯބުން" ވެސް ވާހަކަ ދައްކައި އުޅޭ މެރުމުން، އިސްލާމްދީނާއި، އެދީނުގެ ނަބިއްޔާ އާއި މެދު ނަފުރަތު އުފެއްދުމެވެ.

ކޮންމެއަކަސް، ހައިރާންވާން ޖެހޭ ކަމަކީ، ރައީސް ނަޝީދަކީ، އިސްލާމްދީނުގެ ބައެއް ޙުދޫދުތަކަށް ފާޅުގައި އިންކާރު ކުރައްވާ މީހަކަށް ވާހިނދުވެސް، އަދި ދީނީ ކަންކަމަށް ތަފާތު ޕޯޑިއަމްތަކުގައި ޖޯކު ޖައްސަވައި ފުރައްސާރަކުރައްވާ ފަރާތަކަށް ވާހިނދު، ޝެއިޚް ޙުސެއިން ރަޝީދު ޞަޙީޙް މުސްލިމް ނަޝީދުގެ އަތްޕުޅުން ނޫން ގޮތަކަށް ނުނެރުއްވާ ކަމެވެ. ފަހަރެއްގައި މިއީ، ރައީސް ނަޝީދުގެ ބޮލުގައި ބައެއް މީހުން އަޅުވާ ލާދީނީ ޓެގު، ޙުސެއިން ރަޝީދު ކަނޑުއްވައި ދެއްވަނީ ކަމަށްވެސް ވެދާނެއެވެ.

ރޭގައި، އެ އޮތީ، މާތް ނަބިއްޔާ ގެ ޙަދީޘްފުޅުތައް ހިމެނޭ ފޮތެއް ނެރެދެއްވަމުން، ހަމަ އެމާތް ނަބިއްޔާއަށް ފުރައްސާރަ ކޮށްފައިވާ މުޑުދާރު ރިޕޯޓެއް ދިފާޢުކޮށްފައެވެ.

ޙުސެއިން ރަޝީދެވެ. މިއީ ޞަޙީޙް މުސްލިމަށް މަނިކުފާނު ކުރައްވާ ފުރައްސާރައެއްތޯއެވެ؟ އެފޮތުގެ ކަރާމާތް ހިފަހައްޓަވާށެވެ. ތިޔަ ކުރައްވާ ބުރަ މަސައްކަތުގެ އަގު ހިފަހައްޓަވާށެވެ. މިހާރު ތިދާ ގޮތުން، ތިއީ ފުރައްސާރައެއް ގިނަ ބަޔަކަށް ހީވާން ފަށައިފިއެވެ. 

Advertisement

ކޮމެންޓް