Advertisement

މެޗުތަކުން މޮޅުވަމުން އަންނަ ރިކޯޑް އާސެނަލްއިން ދަމަހައްޓައިފި

26 Oct 2018 | 02:57

ޔޫރޯޕާ ލީގުގައި އާސެނަލް ޕޯޗުގަލްއަށް ނިސްބަތްވާ ސްޕޯޓިން ލިސްބަން އަތުން މޮޅުވެ ހުރިހާ މުބާރާތަކުން އެޓީމު މޮޅުވަމުން އަންނަ ރިކޯޑް 11 މެޗަށް ހަދައިފިއެވެ.

އާސެނަލް މި މެޗު ކާމިޔާބު ކުރީ ޑެނީ ވެލްބެކް މެޗުގެ 77 ވަނަ މިނެޓުގައި ޖަހައިދިން ހަމައެކަނި ލަނޑާއެކު 1-0 ކުންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން އާސެނަލް މި މެޗަށް ނުކުމެފައިވަނީ އެޓީމުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.

ލިސްބަންގެ ދަނޑުގައި މި މެޗު ކުޅުން ނަމަވެސް ގިނަ އިރު ބޯޅަ ގެންގުޅެ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވަނީ އާސެނަލްއުންނެވެ. އެގޮތުން އާސެނަލްވަނީ ލިސްބަން ކޮޅަށް ފޮނުވާލި 14 ހަމަލާގެ ތެރެއިން 7 ހަމަލާއެއް ގޯލާ އަމާޒުކޮށްފައެވެ. މިއާ ހިލާފައް ލިސްބަންއަށް މެޗުގައި އެންމެ ހަމަލާއެއްވެސް އާސެނަލްގެ ގޯލާ އަމާޒުކޮށްލެވިފައެއް ނުވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އެމެރީ ބުނީ ވިސްނުން ހުރީ ޖެހިގެން އޮތް މެޗަށްކަމަށެވެ. ހުރިހާ މެޗަކުން މޮޅުވުމަކީ ފަސޭހަކަމެއް ނޫންކަމަށާއި މެޗުތަކުގެ ފުރަތަމަ ހާފްތަކުގައި އާސެނަލް ކުޅޭ ކުޅުން މިހާރަށްވުރެ ރަނގަޅުކުރަން ޖެހޭކަމަށެވެ.

ޔޫރޯޕާ ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ އާސެނަލް އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. ދެމެޗުން ލިބުނު ހަ ޕޮއިންޓާއެކު ލިސްބަން އޮތީ ދެވަނައިގައެވެ.

Advertisement

ކޮމެންޓް

Advertisement