Advertisement

އެމްޑީއެންގެ ހަރަކާތްތައް "ވަގުތީ" ގޮތުން ހުއްޓާލުމަށް އަންގައިފި

10 Oct 2019 | 20:37

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ހުއްޓާލުމަށް އަންގައި، އެ ޖަމްއިއްޔާ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ވަނީ ބަޔާނެއް އާންމުކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ އެމްޑީއެންއިން ޝާއިއުކުރި "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހުރި ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރަމުން ދާތީ މިއަދުން ފެށިގެން އެ ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.

މިގޮތަށް އަންގާފައިވަނީ ޖަމްއިއްޔާތަކުގެ ގަވާއިދުގެ 39 ވަނަ މާއްދާއިން، ޖަމިއްޔާތަކާއި ބެހޭ ރަޖިސްޓްރަރ އަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުންކަމަށް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވަނީ، އެ ޖަމްއިއްޔާ މަނާކޮށްދިނުމަށް އެދި ގިނަބަޔަކު އަޑުއުފުލަމުން ދަނިކޮށެވެ. އެގޮތުން "ބޭން އެމްޑީއެން" ނަމުގައި ސޯޝަލް މީޑިޔާގައި ވަނީ ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.

Advertisement

ކޮމެންޓް