ވޯލްޑް ބޭންކުން ދިވެހިރާާއްޖޭގައި އޮންލައިން ދިރާސާއެއް ފަށައިފި

10 Oct 2019 | 23:20

ބައިނަލްއަގްވާމީ މާލީ އިދާރާއެއްކަމުގައިވާ ވޯލްޑް ބޭންކުން ދިވެހިރާއްޖޭގައި އޮންލައިން ދިރާސާއެއް ފަށައިފިއެވެ.

ވާލްޑް ބޭންކް އިން ބުނިގޮތުގައި މިއީ އެފަރާތުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ދެވަނަ ސިސްޓަމެޓިކް ކަންޓްރީ ޑައެގްނޯސްޓިކް (އެސްސީޑީ) އަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި އޮންލައިން ސާވޭއެކެވެ.

މި ސާވޭގެ ޒަރިއްޔާއިން ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ މުޙިންމު މައްސަލަތަކާއި ހުރި ފުރުޞަތުތައް އަދި އެ ކަންކަން ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ދިވެހި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެކަމަށް އެފަރާތުން ބުނެއެވެ.

މިއީ ވޯލްޑް ބޭންކުން ދިވެހިރާާއްޖެއާއި ބެހޭގޮތުން ކުރިއަށްގެންދާ ދެވަނަ އެސްސީޑީއެވެ.

2016 ވަނަ އަހަރު އެކުލަވާލެވުނު ދިވެހިރާއްޖޭގެ ފުރަތަމަ އެސްސީޑީ އިން، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ދެ ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން އިތުރަށް ތަރައްޤީކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވެއެވެ

އެސްސީޑީ އަކީ، ވަކި ޤައުމަކަށް ޚާއްޞަކޮށް، އެ ޤައުމެއްގެ ސަރުކާރާއި ކަމާ ބެހޭ އެހެނިހެން ފަރާތްތަކުގެ އިތުރަށް، ޢާންމު ފަރުދުންގެ ބައިވެރިވުމާ އެކު ވާލްޑް ބޭންކް ގްރޫޕް އިން އެކުލަވާލާ ރިޕޯޓެކެވެ. މި ރިޕޯޓަކީ، ފަގީރުކަން ނައްތާލުމާއި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނާނެ ފަދަ ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީގެ ކަންކަން ބައްޓަންކުރުމުގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި ވާލްޑް ބޭންކް ގްރޫޕް އިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ބަޔާންކުރާ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް އެކުލަވާލުމުގައި ބެލެވޭނެ އަސާސެވެ.

މި އޮންލައިން ސާވޭތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 10 އޮކްޓޯބަރު 2019 ވަނަ ދުވަހުން ފެށިގެން 15 ނޮވެމްބަރު 2019 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސާވޭތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުންނެވެ. 

Advertisement

ކޮމެންޓް