Advertisement

ޖޭޕީއާއި ހެދި އިދިކޮޅާއި ސަރުކާރު އޮޅެނީ؟

12 Oct 2019 | 13:36

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު 2013ގައި އިންތިޚާބުކުރީ ކޯލިޝަނެއްގެ ތެރެއިންނެވެ. ޕީޕީއެމް، އެމްޑީއޭ، ޖޭޕީ އަދި އަދާލަތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޔާމީން އެންޑޯޒްކުރީ ގައުމާއި ދީނަށްޓަކައި ކަމަށްބުނެއެވެ. އެހެނަސް މާގިނަ ދުވަސްތަކެއް ނުވެ، މި ފަރާތްތަކުގެ ކޯލިޝަން ގުޅުމުގައި އެކި މައްސަލަތަކާއި ހުރެ ކުނިބުނި ޖެހެން ފަށައިފިއެވެ.

ނަތީޖާއެއްގެ ގޮތުން ފެނިގެންދިޔައީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ސަރުކާރު ހިންގަމުންދިޔަ އިއްތިހާދުން ވަކިވެ، އިދިކޮޅު އެމްޑީޕީއަށް މިސްރާބުޖެހިތަނެވެ. ހަމަ އަނެއްކާާވެސް ގައުމާއި ދީނަށްޓަކައެވެ.

އެއަށްފަހު ކުރިއަށް އޮތް ތިންއަހަރު ފެނިގެންދިޔައީ ސިޔާސީ ގޮތުން ހަލަބޮލި އަދި ނުތަނަވަސް ދުވަސްވަރެއްގެ ގޮތުގައެެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތައް ފޯރިގަދަވެ، މަގުމަތީގެ އިތުރުން މަޖިލީހުގެ ތެރޭގައިވެސް ސިޔާސީ ކުޅިވަރު ފެންނަން ފެށިއެވެ. އިދިކޮޅުގެ ސިޔާސީ ހަރަކާތަށް ދުވަހަކުވެސް ބަޔަކު ހީކޮށްފައި ނުވާނެފަަދަ ފަރާތްތައް ގުޅިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ އާދަކާދައިގެ މަތިން އިދިކޮޅު ލީޑަރުން ޖެހުނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް، ނުވަތަ އަރުވާލެވިގެން ގައުމުން ބޭރުގައި އުޅޭށެވެ.

2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އާދަޔާ ޚިލާފު އަމުރަކީ ގިނަބަޔެއްގެ ނަޒަރުގައި ރައީސް ޔާމީންގެ ސަރުކާރު ބަލިވާން ފެށުމުގެ އަސްލެވެ. އެ ހުކުމާާއި އެކު ފަތުއަޑުކިޔާފައި އިވިގެންދިޔަ ވާހަކައަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ހުކުމް ކުރެއްވީ ރިޝްވަތު ނަންގަވައިގެން ކަމަށެވެ. އެގޮތުން އޭރު ޕީޕީއެމްގެ މަޖިލިސް މެންބަރުން ދިޔައީ އެކި ޕްލެޓްފޯމްތަކުގައި އެ ފަނޑިޔާރުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ރިޝްވަތު ދެއްވިކަމަށް ވިދާޅުވަމުންނެވެ. 

ދިވެހިރާއްޖޭގައި ފެހި ގާނޫނު އަސާސީ ތަސްދީގުކުރި ފަހުން ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް ދެވަަނަ ދައުރެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްވެސް ވީ ހަމަ އެބީދައިންނެވެ. އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.

އެއާއި އެކު މާ ގިނަ ދުވަސްތަކެއް ނުވެ ފެނުނު މަންޒަރަކީ ސިޔާސީ ޓްރާންސްފާ މާކެޓް ހުޅުވިގެން ދިޔަތަނެވެ. ރައީސް ޔާމީންގެ ފަޅީގައި މީގެ ކުރިން ތިއްބެވި ގިނަ ބޭފުޅުންތައް މަޑުމަޑުން އިިދިކޮޅު ކޯލިޝަނާއި ގުޅެން ފެށުމެވެ. ވަކިން ޚާއްސަކޮށް ޖުމްހޫރީ ޕާޓީއާއި ގުޅެމުންދިޔުމެވެ. އެއާއި އެކު ކޯލިޝަންގެ ގިނަ މެންބަރުންގެ ފާޑުކިޔުންތައް ޖުމްހޫރީ ޕާޓީއަށް އަމާޒުވާން ފެށިއެވެ. ޖުމްހޫރީ ޕާޓީގެ ތެރެއިން ބައެއް ފަރާތްތަކުންވެސް ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ފަރާތްތައް، ޖޭޕީއާއި ގުޅުމަށް ދެކޮޅު ހަދަމުންދިޔައެވެ.

ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީންގެ ފަޅި ބަލިވުމާއިއެކު، ކޯލިޝަންގައި ރެނދުލުންވެސް އަވަސްވެގެން ދިޔައެވެ. މިއަދުވެސް ކަންއޮތީ އެފަދައިންނެވެ. ރައީސް ޔާމީން އެންމެ އަރިހުގައި ގެންގުޅުނު ފަރާާތްތައް، މިއަދު އެތިއްބެވީ ޖޭޕީގައެވެ. އިދިކޮޅާއި ސަރުކާރުގެ ކޯލިޝަނަކީ ކޮބައިކަން ނޭނގޭ މިންވަރަކަށެވެ.

ދާާދިފަހުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްވެސް، ޖޭޕީއާއި ގުޅިވަޑައިގަންނަވަމުން ވިދާޅުވީ އެފަދަ ވާހަކައެކެވެ. އެބޭފުޅާ އަދި އެތައް ބަޔަކަށް އަނިޔާ ލިބުނުއިރު، ޖޭޕީގެ އިސްސަފުގައި މިހާރު ތިއްބެވި ގިނަ ބޭފުޅުންނަށް އޭރު އެކަމާއި މެދު ފަރުވާލެއް ނެތްކަމަށެވެ.

އެގޮތުން ގާސިމް އިބްރާހިމް ހައްޔަރުކޮށް ޖަލު ގޮޅިން ހޮސްޕިޓަލަށް ބަދަލުކޮށް، އެތައް އާދޭހަކަށް ފަހު ނުކުޅެދޭ ގޮނޑީގައި ބޭރަށް ފުރުވާލި އިރު ވެސް އެ ބޭފުޅުން ތިއްބެވީ ބަލަންކަމަށް ވައްޑޭ ވިދާޅުވިއެވެ. އަދި އިސްލާހީ މަސައްކަަތަށް ނުކުތުމުން މަޖިލީސް މެންބަރެއް ނޫންކަމަށް ނިންމައި ޖަލަށްލީ ކަމަށްވެސް އެބޭފުޅާ ފާހަގަކުރެއްވީ އަސަރާއި އެކުގައެވެ.

ކޮންމެގޮތަަކަށްވިޔަސް، ދިވެހިރާއްޖޭގެ ސިޔާސީ މައިދާާނަކީ ވަރަށް އާދަޔާ ޚިލާފު އެއްޗެކެވެ. އިހުގެ ހަތުރުން އަދުގެ މިތުރުންނަށް ބަދަލުތައް ގުނާ އަަދަދުވެސް ނުކުރެވޭނެއެވެ. އެހެނަކަސް، މި ސަރުކާރު ގެނައި ހުރިހާ ސަބަބަކަށް ތާއިދުކުރަން ތިބި ފަރާތްތައް މިއަދު ސަރުކާރުގެ ކޯލިޝަން ޕާޓީއެއްގެ އިސް ސަފުގައި ތިބުމަކީ އެންމެ ހެޔޮގޮތްބާވައެވެ؟ މީސް މީޑިޔާގައި އާންމުން ބުނާފަދައިން "ޖޭޕީ އަކީ އާ ވެމްކޯ" އަށް ވަނީބާވައެވެ؟

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް