Advertisement

ޖަމްޢިޔާތަކުގެ ބިލު ފާސް ވެއްޖެނަމަ އެމްޑީއެން ހިންގޭނެ!

12 Oct 2019 | 23:29

ސަރުކާރުގެ ފަރާތުން ރަށްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޖަމިއްޔާތަކުގެ ބިލް ފާސްވެއްޖެނަމަ ވަގުތީގޮތުން ސަސްޕެންޑް ކޮށްފައިވާ އެމްޑީއެން ހިންގުމުގައި އެއްވެސް ހުރަހެއް ނޯނާނެއެވެ.

ސަރުކާރުގެ ފަރާތުން 3 މާޗް 2019 ވަނަދުވަހު ހުށައަޅާފައިވާ ބިލްގެ 8 ވަނަ މާއްދާގެ (ހ) ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީނުކޮށް ޖަމިއްޔާ ހިންގުމަކަށް ހުރަހެއްނާޅައެވެ. އެހެންނަމަވެސް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީނުކޮށް ހިންގާ އެއްވެސް ޖަމްޢިޔާއަކަށް، އެ ޖަމްޢިޔާއެއްގެ ނަމުގައި މުދާ މިލްކުކުރުމާއި،އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދާލާއި ނުއުފުލޭ މުދާ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ދެމިގެންވާ ގޮތަށް މިލްކުކުރުމުގެ ޙައްގު ލިބިގެނެއް ނުވެއެވެ.

އިސްލާމް ދީނައި މާތް ރަސޫލާއާއި ބެހޭގޮތުން އަސްލާ ހިލާފް ވާހަކަތަކެއް ހިމަނައި ނެރުނު ރިޕޯޓަކާއި އެކު މިހާރު ވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް ވަގުތީގޮތުން ސަސްޕެންޑްކޮށްފައެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ވަނީ ބަޔާނެއް އާންމުކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ އެމްޑީއެންއިން ޝާއިއުކުރި "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހުރި ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ ތަހުގީގު ކުރަމުން ދާތީ މިއަދުން ފެށިގެން އެ ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.

މިގޮތަށް އަންގާފައިވަނީ ޖަމްއިއްޔާތަކުގެ ގަވާއިދުގެ 39 ވަނަ މާއްދާއިން، ޖަމިއްޔާތަކާއި ބެހޭ ރަޖިސްޓްރަރ އަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުންކަމަށް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވަނީ، އެ ޖަމްއިއްޔާ މަނާކޮށްދިނުމަށް އެދި ގިނަބަޔަކު އަޑުއުފުލަމުން ދަނިކޮށެވެ. އެގޮތުން "ބޭން އެމްޑީއެން" ނަމުގައި ސޯޝަލް މީޑިޔާގައި ވަނީ ވަރުގަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.

Advertisement

ކޮމެންޓް