ރިޕޯޓް މައްސަލަ ހުށައެޅުނު އިރުވެސް ޝަހިންދާ ހުރީ ރާއްޖެއަކު އެއް ނޫން!

12 Oct 2019 | 14:31

އެމްޑީއެންއިން އާންމުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓްގެ މައްސަލަ ފެންމަތިވިއިރުވެސް އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާާއިލް ހުރީ ރާއްެޖެއަކު ނޫންކަމަށް ހާާމަވެއްޖެއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ އެ ރިޕޯޓުގެ މައްސަލަ ފުލުހުންނަށް ހުށައެޅުނުއިރުވެސް ޝަހިންދާ ހުރީ ރާއްޖެއިން ބޭރުގައިކަމަށެވެ. ވޮއިސްއަށް އެނގިފައިވާ ގޮތުގައި ޝަހިންދާ އުޅެމުންދަނީ ޖަރުމަނުވިލާތުގައެވެ.

އޭނާ ޖަރުމަނުގައި ހުރެގެން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުންދޭތޯ ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ޝަހިންދާ މީގެކުރިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުންގެންދާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ބަލައި ނިމެންދެން އެ ޖަމިއްޔާގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާާފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި ވަނީ ރާއްޖޭގައި ކިޔަވާދޭ އިސްލާމް ފޮތްތަކުގައި ސައިންޓިފިކް ހެކީގެ އަލީގައި ތެދެއް ކަމަށް ސާބިތު ނުކުރެވޭ ކަންކަމަކީ ތެދު ކަމަށް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ކީރިތި ރަސޫލާގެ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަން ދޭހަވާ ގޮތަށްވެސް އެ ރިޕޯޓުގައި ލިޔެ، އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވެއެވެ.  

Advertisement

ކޮމެންޓް

Advertisement