އެމްޑީއެންއާއި ދެކޮޅަށް އޮތް ހިނގާާލުމަކީ ސިޔާސީ ހަރަކާތެއް: މެންބަރު

12 Oct 2019 | 15:46

އިއްޔެ ހަވީރު ރ.ދުވާފަރުގެ މަގުތަކުގައި އެމްޑީއެންއާއި ދެކޮޅަށް އެރަށުގެ ރައްޔިތުން ބޭއްވި ހިނގާލުމަކީ ސިޔާސީ ހަރަކާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

މެންބަރު އިސްމާާއިލް ވިދާޅުވީ ދުވާފަރުގައި ތިޔަ ހިންގެވީ ފިތުނަ ފަސާދަ އުފައްދަން ހިންގި ސިޔާސީ ހަރަކާތެއްކަމަށެވެ. އަދި މި މައްސަލާގައި ސަރުކާރުން ވަނީ ރަނގަޅު ފިޔަވަޅެއް އަޅުއްވައި، އެމައްސަލައިގެ ތަހުގީގު ބާރަށް ކުރިޔަށް ގެންދަމުންކަމަށް ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި ފިތުނަ އުފެދޭ ގޮތަށް ހަރަކާތްތައް ހިންގައި، ރަށުގެ މަސްލަހަތު ނަގާލަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލާކަމަށެވެ.

"މާތްވި އިސްލާމް ދީނުގެ ދިފާއުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވަވާފައި"، އިސްމާއިލް ވިދާޅުވިއެވެ.

އެރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވުނު މި ހިނގާލުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި ހިނގާާލުމުގެ ބައިވެރިން ވަނީ އެމްޑީއެން ކުށްވެރިކޮށް ޝުއޫރު ފާޅުކޮށްފައިވާ ބޯޑުތަކުގެ ބޭނުންކޮށްފައެވެ.

މި ހިނގާލުމުގެ ބައިވެރިން ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެމްޑީއެންގެ އިސްފަރާތްތައް މަގާމުތަކުން ވަކިކުރުމަށާއި، އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލާފައެވެ.

މި ހިނގާާލުމުގައި 200އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement