ދީނާ ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރިކުރަން: އެމްޑީޕީ

13 Oct 2019 | 00:25

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނީ މިއަދު އާންމުކުރި ބަޔާނެއްގައެވެ.

އެމްޑީޕީން ބުނީ އެޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށާއި އެޕާޓީއަކީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއްނޫންކަމަށެވެ.

"މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކަށާއި އުޞޫލުތަކަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން މިޕާޓީން ކުށްވެރިކުރަމެވެ. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެއެވެ"، ބަޔާާނުގައި އެމްޑީޕީން ބުންޏެވެ.

ނަމަވެސް އެމްޑީޕީން ބުނީ އެޕާޓީން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުޞޫލަކީ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދިނުންކަމަށެވެ.

އަދި ހަމަ ކޮންމެ މީހަކާމެދުވެސް ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލު ކުރެވުމާއި ޤާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާޢާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުޞަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުންކަމަށް ވަނީ ބުނެފައެވެ.

"ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ހިންގުން ހުއްޓުވާން ޖެހެއެވެ. ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، މީސްމީޑިޔާގެ އެކިއެކި ވަޞީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ މިޕާޓީ ބަލައިގަންނާނެ ކަންކަމެއްނޫނެވެ. އެފަދަ ހައްދުފަހަނައަޅާފައިވާ ހަރުކަށި ޢަމަލުތަކަކީ މިޕާޓީ އަބަދުވެސް ކުށްވެރިކުރާ ޢަމަލުތަކެކެވެ.

އެހެންކަމުން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ތަޙްޤީޤުކޮށް ޤާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ"، ބަޔާން ނިންމާލަމުން އެމްޑީޕީން ބުންޏެވެ.

Advertisement

ކޮމެންޓް