އެމްޑީއެން އުވާލުން އަވަސްކޮށް، އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ގޮވާލައިފި

15 Oct 2019 | 00:42

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އުވާލުމުގެ ކަންތައްތައް އަވަސްކޮށް، އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ގޮވާލައިފިއެވެ.

މިގޮތަށް ދީނީ އިލްމުވެރިން ގޮވާލާފައިވަނީ "އިލްމުވެރިންގެ ގުޅުން" ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި އިލްމުވެރިން ވަނީ އެމްޑީއެންގެ ރިޕޯޓަކީ އިސްލާމްދީނާއި ދިވެހި ގައުމަށް ކުރިމަތިވި ބޮޑު އުދުވާާނެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އިސްލާމްދީނާ ހިލާފު ކޮންމެ ކަމަކަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެމްޑީއެންއަށް ގާނޫނީ ފިޔަވަޅު އަޅާ އުވާލުން އަވަސްކުރުމަށް އިލްމުވެރިން ވަނީ އެދިފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުން މުސްލިމުންގެ ލޭ ހޫނުވާނެކަމަށާއި ނަމަވެސް އެއްވެސް ނޭދެވޭ ކަމެއް ނުކުރާނެކަމަށް ބުނެފައެވެ. އަދި ލޭ ކެކިގެން ނޭދެވޭ އަމަލެއް ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިލްމުވެރިންގެ ގުޅުމުން ވަނީ އެފަރާތްތަކަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށް ބުނެފައެވެ.

މި ބައްދަލުވުމުގައި ދީނީ އިލްމުވެރިން ވަނީ އިސްލާމީ އުސޫލުތައް ނަގަހައްޓާ ހިމާޔަތް ކުރުމަށް ދައުލަތުގެ ކިބައިން އެދިފައެވެ. އަދި ދީނާއި ދެކޮޅަށް ހިންގޭ ކޮންމެ ޖަރީމާއެއް ވަގުތުން ވަގުތަށް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ވަގުތުން ވަގުތަށް ކުުރުމަށްެވެސް ވަނީ ގޮވާލާފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް