އިންކަމް ޓެކްސްގެ ބިލް މަޖިލީހަށް ހުށައަޅައިފި

15 Oct 2019 | 13:31

އަމިއްލަ ފަރުދުންނަށް ލިބޭ އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި ބިލް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ.

އަމިއްލަ ފަރުދުންގެ އާމްދަނީން އިންކަމް ޓެކްސް ނެގުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުން ވަނީ އަންނަ އަހަރު ނިމުމުގެ ކުރިން އިންކަމް ޓެކްސް ނެގުމަށް އަމާޒުހިފާފައެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އިންކަމް ޓެކްސް ނެގުމަށް ހަމަޖެހިފައިވާ އިންކަމް ބޭންޑަކީ 40000 ރުފިޔާއަށްވުރެ މަތީގެ އާމްދަނީތަކެވެ.

އެގޮތުން، 40،000 އާއި 60،000 ރުފިޔާއާއި ދެމެދުގެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސްގެ ގޮތުގައި އާމްދަނީގެ އަށް އިންސައްތަ ނަގަން ނިންމާފައިވާއިރު، ފަސްދޮޅަސްހާސް ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތައްކުގެ އަތުން ޓެކްސްގެ ގޮތުގައި އާމްދަނީގެ 10 އިންސައްތަ ނެގުމަށް ވަނީ ނިންމާފައެވެ. އަދި 100،000(އެއްލައްކަ)އަށްވުރެ ގިނައިން ލިބޭނަމަ، ޓެކްސްގެ ގޮތުގައި ނަގާނީ އާމްދަނީގެ 15 އިންސައްތައެވެ.

މި އުސޫލުގެ ދަށުން 40،000 ރުފިޔާއިން ދަށުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްއެއް ނުނަގާނެއެވެ.

Advertisement

ކޮމެންޓް