އަދިވެސް ބޮޑުވަޒީރަކީ އަހަރެން: ރަނިލް ވިކްރަމަސިންހް

27 Oct 2018 | 13:39

 ކޮޅުބުން މުހައްމަދު މުއައްލިމް އިބްރާހީމް

ސްރީލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރ ރަނިލް ވިކްރަމަސިންހަ އަކީ އަދިވެސް ސްރީލަންކާގެ ބޮޑުވަޒީރުކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. މިހެން އެމަނިކުފާނު ވިދާޅުވީ މިރޭގެ ވަގުތެއްގައި މީޑިޔާތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން ރަނިލް ވިދާޅުވީ އެމަނިކުފާނަކީ އަދިވެސް ސްރީލަންކާގެ ބޮޑުވަޒީރުކަމަށާއި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތްހާ ހިނދަކު އެމަނިކުފާނު އެމަގާމުގައި ދެމިހުންނަވާނެ ކަމަށެވެ. ރަނިލް އެހެން ވިދާޅުވި ނަމަވެސް އެމަނިކުފާނު ވަނީ މިރޭގެ ވަގުތެއްގައި މަގާމުން ދުރުކުރެވިފައެވެ.

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ބޮޑުވަޒީރު ކަމުން ރަނިލް ވަކިކުރައްވައި، އެ މަގާމަށް ލަންކާގެ ކުރީގެ ރައީސް، އަދި ސިރިސޭނާގެ ސިޔާސީ ހަތުރެއްކަމުގައިވާ މަހިންދަ ރާޖަޕަކްސަ އައްޔަންކުރައްވާފައެވެ.

މީގެ އިތުރުންވެސް މި މައްސަލައިގައި ކޯޓަށް ދާނެކަމަށްވެސް ރަނިލްވަނީ ވިދާޅުވެފައެވެ.

ކުއްލި ގޮތަކަށް ރަނިލް މަގާމުން ދުރުކޮށްފައިވާ ހިނދު، މިކަން އައިސްފައިވަނީ ލަންކާގައި ވެރިކަން ކުރާާ ކޯލިޝަން ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ސަރުކާރު ކޯލިޝަނުން ވަކިވިތާ މާގިނައިރުތަކެއް ނުވަނީސްކަން ފާހަގަކޮށްލެވެއެވެ. ޔޫޕީއެފްއޭ އިއްތިހާދުގެ ލީޑަރަކީ ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ކުމާރަތުންގައެވެ

ބަރުލަމާނީ ނިޒާމެއްގެ ދަށުން ވެރިކަން ހިންގަމުންދާ ސްރީލަންކާގެ ވެރިކަން ކުރާ އިއްތިހާދުގައި ވަނީ ފަހަކަށް އައިސް ވަރަށް ގިނަ މައްސަލަތަކެއް ފެންމަތިވެފައެވެ.

އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ބޮޑު އިންސައްތަ އަކުން ބަލިވެ، ބޮޑުވަޒީރު ރަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގައިވެސް ސަރުކާރު ކޯލިޝަންގައި ކޯޅުންތަކެއް އުފެދުނެވެ. މީގެ ކުރިންވެސް ބޮޑުވަޒީރު ރަނިލްގެ ޔޫއެންޕީއިން އިގްތިސާދު ބަލަހައްޓަމުންދިޔަ ގޮތާއި، ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ވަނީ ކޯލިޝަންގައި މައްސަލަ އުފެދެން ފަށާފައެވެ.

ރައީސް ސިރިސޭނާއަށް ގާާނޫނުން ލިބިދޭ ބާރުގެ ދަށުން ބޮޑުވަޒީރުކަމަށް ރާޖަޕަކްސަ އައްޔަން ކުރައްވާފައިވާ ހިނދު، މިއީ ގާނޫނީ ގޮތުން ކުރެވިދާނެކަމެއް ކަމާއި މެދު ގިނަ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް ސިރިސޭނާ ވިދާޅުވާ ގޮތުގައި އެމަނިކުފާނު ރަނިލް އެ މަގާމުން ދުރުކޮށް ރާޖަޕަކްސަ އައްޔަންކުރެއްވީ ލަންކާގެ ގާނޫނު އަސާސީގެ 42ވަނަ މާއްދާގެ ހަތަރުވަނަ ބާބުގެ ދަށުންނެވެ.

އެބާބުގައި ވާގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ ކަންކަމުގައި އިސްކޮށް ހުންނަވާ މީހެއްގެ ގޮތަށް ރައީސްއަށް ފެންނަ ކޮންމެ މަޖިލީސް މެންބަރެއްވެސް އައްޔަން ކުރެވިދާނެއެވެ. ނަމަވެސް ހަމަ އެގާނޫނުގެ 46ވަނަ މާއްދާގައި ރައީސްއަށް ބޮޑުވަޒީރަކު މަގާމުން ދުރުނުކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

Advertisement

ކޮމެންޓް