އެމްޑީއެންގެ ރިޕޯޓުގެ ވާހަކަދައްކާ ލެކްޗަރާސްއަށް ފިޔަވަޅުއަޅާނެ: ޤައުމީ ޔުނިވާސިޓީ

16 Oct 2019 | 13:18

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި ރިޕޯޓުގެ މައްސަލައިގައި މީސް މީޑިޔާގައި ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅަނެކަމަށް ޤައުމީ ޔުނިވާސިޓީން ހާމަކުރައްވައިފިއެވެ.

މިގޮތަށް އެދިފައިވަނީ އެމްއެންޔޫގެ ޗާންސެލަރ ޑރ.ހަސަން ހަމީދުގެ ފަރާތުން ލެކްޗަރާއިންނަށް ފޮނުއްވި މެމޯއެއްގައެވެ.

އެބޭފުޅާ ވިދާޅުވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް" ކިޔާ އަމިއްލަ ޖަމިއްޔާ އަކުން ނެރެފައިވާ ލިޔުމެއްގައި ހިމެނޭ ވާހަކަތަކަކާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ޚިޔާލު ފާޅުކުރަމުން ދާކަން ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން، ސަރުކާރަށް ލިބެމުން ދާކަމަށެވެ.

އެ މެމޯގައި ވަނީ އެ މުއައްސަސާގައި މަސައްކަތްކުރައްވާ މުދައްރިސުންނަކީ، މި ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގައި ނުހަނު މުހިއްމު ދައުރެއް އަދާކުރައްވާ ބަޔަކަށްވީއިރު، އެ ބޭފުޅުންގެ ފަރާތްޕުޅުން ބުނެވިދިޔަ ކަންތައްތައް ތަކުރާރުވަމުންދާ ނަމަ، އެއީ މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ނުހަނު ބޮޑަށް ކުރާނޭ ކަމަށެވެ.

އެމްއެންޔޫގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު މުޖުތަމައިގައި ބައިބައިވުން އުފައްދައި، އެއްބަޔަކު އަނެއް ބަޔަކާމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް ސޯޝަލް މީޑިއާއާ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން ޔުނިވަރސިޓީގެ ހުރިހާ މުވައްޒަފުން ވެސް މުވައްޒަފުންގެ އަޚްލާޤީ ކޯޑްގައިވާ ހަމަތަކާއި ޤާނޫނުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


Advertisement

ކޮމެންޓް