އަބުރާއިބެހޭ ގާނޫން އުވާލުން: އަދިވެސް ލިބުނު ފިލާވަޅުތައް މަދީތޯއެވެ؟

27 Oct 2018 | 11:04

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫންގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރަން އުޅުމުން ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޚާއްސަކޮށް ސަރުކާރަށް ފާޑުކިޔައި އަދި ސަރުކާރުގެ ވެރިންގެ މައްޗަށް ތުހުމަތުކޮށް ލިޔުންތައް ލިޔަމުންދިޔަ މީޑިއާތަކުން ވަރަށް ރުޅިއައިސްގެން އިހްތިޖާޖްކޮށްހެދިއެވެ.

އިހްތިޖާޖްކޮށް ހެދި މީޑިއާތަކުގެ އެންމެ ކުރީސަފަށް ނުކުތީ މިހާރުނޫހާއި ރާއްޖެޓީވީއާއި އަވަސްނޫހެވެ. އެގާނޫނަށް ތާއީދުކޮށް އުޅުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެމީޑިއާތަކުން ސިފަކުރީ އެއީ ނޫސްވެރިކަން މަރާލަން ކުރިކަމެއްކަމަށެވެ.

" ކަންބޮޑުވުންތައް ބޮލާލައި ޖަހައި ނޫސްވެރިކަން މަރާލަނީ" މިހާރު ނޫހުގެ އަލީ ނާފިޒު ލިޔުއްވާފައިވެއެވެ. އެމްނެސްޓީން މިބިލް ސިފަކުރީ މިނިވަންޚިޔާލަށް ދިން ހަމަލާއެއްގެ ގޮތުގައެވެ. އީޔޫއިން ފާޑުކިޔެވެ. ރައީސް މައުމޫން ފާޑުވިދާޅުވިއެވެ. އެބިލުގެ ބަހުސްގައި މިހާރުގެ އިންތިޚާބީ ނާއިބް ރައީސް ސިފަކުރެއްވީ ގާނޫން އަސާސީގެ ހުރުމަތް ކަނޑާލެވޭ އެއްޗެއްގެ ގޮތުގައެވެ.

މިހާރުގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސިފަކުރައްވާފައިވަނީ އަބުރުގެ ބިލް ފާސްވެއްޖެ ނަމަ، ޑިމޮކްރަސީ "ނޭވާ ހޮޅިއަށް" އެޅިގެންދާނެ ބިލެއްގެ ގޮތުގައެވެ.

"އަޅުގަނޑުމެންނަށް މިކުރެވޭ ކަމަކީ ގާނޫނުއަސާސީ 28 ވަނަ މާއްދާ ދަން ޖައްސާ މަރާލުން. މިކަމުގައި އަޅުގަނޑަށް ބައިވެރިވެން ނެތް ވާހަކަ ހިތާމައާ އެކު ދަންނަވަން،" އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވެއެވެ.

ނޫސްވެރިންވެސް އަނގަމަތީގައި ޓޭޕްއަޅައިގެން އިހްތިޖާޖްކުރިއެވެ. ރައްޔިތުންގެ މަޖިލިސްކުރާ އިމާރާތު ދޮށަށްގޮސް ހަޅެއްލަވައި ހެދިއެވެ. އެކަމަކުވެސް އެއަޑުނާހައި ބިލް ފާސްކޮށް ގާނޫނަކަށް ހެދީއެވެ. އަދި އެގާނޫން އޮތްވައި އެމީޑިއާތަކުންވަނީ ރައީސް އަބްދުﷲ ޔާމީނަކީ ވަގެއްކަމަށް، އަނިޔާވެރިއެއްކަމަށް ރައްޔިތުންގެ ހިތުގައި ސުވާލެއްވެސް ނެތް މިންވަރަށް ކުރަހައި ބިންވަޅު ނަގައިދީފައެވެ. ގާނޫނަކުން ވީކަމެއް ހަރާމެވެ.

ކޮންމެއަކަސް އަބުރާއިބެހޭ ގާނޫން އުވާލުމަކީ އިންތިޚާބީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެންމެފުރަތަމަ ފުރިހަމަކޮށްދެއްވާ ވައުދަކީވެސް އެގާނޫން ނައްތާލުންކަމަށް މިވަނީ ވެފައެވެ.

އިންތިޚާބީ ރައީސް ހުވައިކުރެއްވުމުގެ ކުރިން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފުރަތަމަ ޖަލްސާގައި މިގާނޫން އުވާލުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

ސާބިތު ނުހިފޭ ވާހަކަދެއްކީމާ ރައީސް ނަޝީދުވެސް މީޑިއާއަށް އިންޒާރުދެއްވި

އަބުރުގެ ގާނޫން އައީ ކީއްވެގެންހެއްޔެވެ. އެންމެ ސާފުކޮށް ބުނާނަމަ އެގާނޫން ގެނައީ ސާބިތު ނުހިފޭގޮތްގޮތަށް މީޑިއާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރަންފެށުމުންނެވެ. އޭގެކުޑަތަންކޮޅެއް ކުރިއަށް ޖެހިލައްވާށެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އެމްޑީޕީން އެމަނިކުފާނު ސިފަނުކުރާ ހުތުރު ސިފައެއް، ނުގޮވާ ވައްކަމެއް، ނުދޭ ވަނަމެއް ނެތެވެ. އެއީ އޭރު އެކަން ކޮށްގެންވެސް މައުމޫން ވެރިކަމުން ވަށްޓާލުމަށެވެ.

ދެން އައީ އެމްޑީޕީގެ ވެރިކަމެވެ. އެމްޑީޕީގެ ވެރިކަން ފެށުމާއެކު ރައީސް މައުމޫނަށް އަމާޒުކުރެވުނު ހުތުރު އެއްޗެހި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވެން ފެށުނެވެ. ވައްކަމެވެ. ދީނަށް ފުރައްސާރަކުރުމެވެ. އެއްޗެހި ގޮވަނީ ރައީސް ނަޝީދުގެ ވާދަވެރިންނެވެ. އެއެއްޗެހި އާއްމު ރައްޔިތުންގެ ކަންފަތަށް އުފުލައިދެނީ މީޑިއާއިންނެވެ. މީހަކު ޕޯޑިއަމަށް އަރައި އެރައީސަކީ ބޮޑު ވަގެކޭ ބުނީމާ ނިމުނީއެވެ.

ރާއްޖޭގައި ކުރާ ނޫސްވެރިކަމުގެ ހަމަތަކުން އެކަން ކޮންމެހެން ސާބިތުކުރާކަށް ނުޖެހެއެވެ. މީޑިއާ ބޭނުންކޮށްގެން ގޮވަމުންދިޔަ އެއްޗެހި ރައީސް މުހައްމަދު ނަޝީދަށް ކެތްނުކުރެވިގެން އަބުރު ސަލާމަތްކުރެއްވުމަށް އެންމެފަހުން އެމަނިކުފާނުވެސް ފިޔަވަޅު އަޅުއްވަން ނިންމެވިއެވެ. 2012 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 12 ވަނަ ދުވަހު ރައީސް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހޭރު މީޑިއާތައް ރައީސް އޮފީހަށް ގެންދަވައިގެން އެވާހަކަ ވިދާޅުވިއެވެ.

" ސަރުކާރަށް އަމާޒުކޮށް އެއްވެސް މީޑިއާއަކުން ސާބިތު ނުހިފޭ ވާހަކަ ދައްކައިފި ނަމަ، އެކަން ވާނީ "ޖަރީމާ" އަކަށް. އެ "ޖަރީމާ" އަށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށް ތަކުރާރުކޮށް އޭނާ ވަނީ ވިދާޅުވެފަ އެވެ" ހަވީރު ނޫހުގައި ލިޔެފައި އޮތެވެ. އަދިވެސް ޒުހައިރު ވިދާޅުވިކަމަށް ލިޔެފައިވެއެވެ.

" އަޅުގަނޑު މި ދަންނަވާލީ ވަރަށް ގިނަ ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެ. ހާއްސަކޮށް މި ބާވަތުގެ މަތިން ކުރާ ތުހުމަތުތަކަށް. ސާބިތު ނުހިފޭނެ ކަމަށް ފެނިވަޑައިގަންނަވާ ނުވަތަ ހަގީގަތެއް ނެތް ކަމަށް ކަނޑައެޅިގެން ފާހަގަކުރެއްވޭ ތުހުމަތުތަކަށް. ފިތުނަ ފަސާދަ އުފެއްދުމާއި ދައުލަތާ އިދިކޮޅު އަމަލުތައް ހިންގުމާއި ދޮގު ހުވާކުރުން ފަދަ އެތައް ބައިވަރު ކަންތައްތަކެއްގެ ވާހަކަ ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައި އެބަހުރި"

ސަރުކާރުން އޭރު ރުޅިއައީ ޔަހޫދީންގެ ރޭވުމުގެ ދަށުން ދީނީ އިލްމުވެރިންނާ ދެކޮޅަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ޑޮކްޓަރ ޖަމީލު ވިދާޅުވެގެން އެވާހަކަ ނޫހުގައި ޖެހުމުންނެވެ. އެހެންކީމާ ތިޔަހެން ނުކިޔޭނެއޭ ކިޔާ މުޒާހަރާއެއްވެސް އެމްޑީޕީން ކުރިއެވެ. އެހެންވީމާ ސާބިތުނުހިފޭ ވާހަކަދައްކައި އަބުރު ކަތިލާލުމުން ކޮންމެ މީހަކަށްވެސް އަސަރުކުރާކަން އެގެއެވެ. އެއީ ރައީސް ނަޝީދަށްވެސް އެއަސަރުކުރީމައެވެ.

ގާނޫން އުވާލުމުގެ ބަދަލުގައި އިސްލާހް ކުރެވިދާނެ

އިންސާނާގެ އަބުރަކީ އިސްލާމް ދީނުގައި ހުރަމަތްތެރިކުރައްވާފައިވާ އެއްޗެކެވެ. ސާބިތު ނުހިފޭ ވާހަކަދައްކައި މީހުން އަބުރުނަގާލާ މީހުންނަށް ޝަރީއަތުގައި އަދަބު ކަނޑައެޅިފައިވެއެވެ. އާޚިރަތުގައި އެމީހުންނަށް ހުރި ނުބައި ޢަޒާބުގެ ވާހަކަ ގުރުއާންގައި ހިތަށް ސިފަކުރެވޭގޮތަށް ﷲ ތައާލާ ގުރުއާންގައި ބަޔާންކުރައްވާފައިވެއެވެ. އަޒާބުގެ ވާހަކަ ގުރުއާންގައި ބަޔާންކުރައްވާފައި އޮވެގެންނެއް ސާބިތު ނުހިފޭވާހަކަދައްކައިގެން މީހުންގެ އަބުރުކަތިލާމީހުންގެ ހިތަށް ބިރުވެރިކަމެއް ނާދެއެވެ. އެކަމަކު ބޮޑު އަދަދަކުން ޖުރުމަނާކުރަންޖެހިއްޖެނަމަ ބިރުގަނެއެވެ.

އަބުރާއިބެހޭ ގާނޫން ލިޔެފައިވަނީ އެންމެ ފުރިހަމަ ގޮތުގައިކަމަށް ނުވެދާނެއެވެ. އޭގެމާނައަކީ އެގާނޫން އުވާލައި އަބުރާއިބެހުމަށް ދޫކޮށްލުންތޯއެވެ.

ނޫސްވެރިކަމަކީ އެޕްރޮފެޝަންގައި ގެންގުޅޭ އުސޫލުތަކާއި ހަމަތަކަށް ބެލުމެއްނެތި ރުޅިއައުމުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެހެންމީހުންނާދިމާލަށްވިޔަސް ހިތުހުރި އެއްޗެހި ގޮވަން ދޫކޮށްލެވިފައި އޮތުންތޯއެވެ.

މީގެކުރިން ރައީސް މައުމޫންއާއި ރައީސް ނަޝީދާއި ރައީސް ޔާމީން އަބުރު ގެއްލުމުގެ ހިތިތަޖުރިބާ ކުރައްވައިފިއެވެ. އެހެންވީމާ އައު ސަރުކާރުން ޖަޒްބާތުގެ މައްޗަށް ސިޔާސީ ވިސްނުން އިސްކުރަންޖެހެއެވެ. އަބުރާއިބެހުމުގެ ދުވަސްތައް އިންތިޚާބީ ރައީސަށް އައުން އޮތީ މާދުރެއްގައި ނޫނެވެ. 

Advertisement

ކޮމެންޓް