Advertisement

އެމްޑީއެންގެ ރިޕޯޓްއާމެދު އެމްއެންޔޫގެ ކުރީގެ ވައިސް ޗަންސެލަރ ފަވާޒުގެ ނުކުތާތައް!

17 Oct 2019 | 22:04

އިސްލާމް ދީނާ ދެކޮޅަށް އެމް.ޑީ.އެން އިން ލިޔެފައިވާ ރިޕޯޓާއި ބެހޭގޮތުން ޤައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރ ފަވާޒް، އެރިޕޯޓުގައި ރާއްޖޭގެ އިސްލާމް މުގައްރަރާއި ގުޅުވައި އިސްލާމް ދީނާ ދެކޮޅަށް ލިޔެފައިވާ ލިޔުމުން ފާހަގަ ކުރެވުނު ބައެއް ނުކުތާތައް ޢަންމުންނަށް ތިލަކޮށްދެއްވައިފިއެވެ.

އެގޮތުން އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަން ތިރީގައި ހިމަނާލަމެވެ.

އިސްލާމް ފޮތުގައި އަޅުގަނޑުމެންގެ ދަރިންނަށް ﷲ ވޮޑިގެންވުން ކިޔަވައިދޭން ފަށަނީ ﷲ ވޮޑިގެންވުމަކީ ސުވާލު ނުއުފެދޭވަރަށް ޔަގީންވާކަމެއްކަމުގައި އޮތްއޮތުމާމެދު ސުވާލު އުފެދޭގޮތަށް އެރިޕޯޓުގައި ލިޔެފައިވެއެވެ.

ﷲ ވޮޑިގެންވާކަމުގެ ދަލީލަކީ ﷲ ގެ ކުޅަދުންވަންތަކަން ކަމުގަޔާއި އެކަލާންގެ ޚަލްގު ކުރައްވާފައިވާ މަޚްލޫގުންގެ ފުރިހަމަކަންކަމުންކަމުގައި އިސްލާމް މުގައްރަރުގައި އޮތްއޮތުމާމެދު ސުވާލު އުފެދޭގޮތަށް އެރިޕޯޓުގައި ލިޔެފައިވެއެވެ.

ކީރިތި މާތް ނަބިއްޔާއަކީ އެހެން ހުރިހާ އިންސާނުންނަށްވުރެ މުސްލިމުން ލޯބިވާންވާ ފަރާތެއްކަމުގައި އިސްލާމް މުގައްރަރުގައި އޮތުމުން އެކަމާ އެރިޕޯޓުގައި ފާޑު ކިޔައިފައިވެއެވެ.

ކީރިތި މާތް ނަބިއްޔާއަކީ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށް ދޭހަވާގޮތަށް އެރިޕޯޓުގައި ލިޔެފައިވެއެވެ.

މައްކާގެ މުޝްރިކުން ކީރިތި މާތް ނަބިއްޔާއަށް ކުރި އަނިޔާ އާއި ދުއްތުރާތައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ މާތް ނަބިއްޔާއަށް އިސްލާމުންގެ މެދުގައި ހަމްދަރުދީ އުފެދޭކަމެއްކަމަށާއި އެކަން އެގޮތަށް އޮތުމުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭކަމަށް އެރިޕޯޓުގައި ލިޔެފައިވެއެވެ.

މައްކާގެ މުޝްރިކުން މުސްލިމުންނަށް ކުރި އަނިޔާ އާއި ދުއްތުރާތައް އިސްލާމް މުގައްރަރުގައި އޮތުމުން އެކަމަކީ އިސްލާމުނަށް ހަމްދަރުދީ އުފެއްދުމަށް ލިޔެފައިވާ ބައެއްކަމަށާއި އޭގެ ސަބަބުން މުސްލިމުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފްތަރު އުފެދޭކަމަށާއި ޒުވާނުން ޖިހާދަށް ފޯރިހުންނަކަމަށް އެރިޕޯޓުގައި ލިޔެފައިވެއެވެ.

އެއް މުސްލިމަކު އަނެއް މުސްލިކާ ލޯބިވާންވާނޭކަމަށް އިސްލާމް މުގައްރަރުގައި އޮތުމުން އެރިޕޯޓުގައި ފާޑު ކިޔައިފައިވެއެވެ.

ކީރިތި ޤުރުއާނުގައި ޔަހޫދީންނާއި ނަސާރާއިންނަކީ މުސްލިމުންނަށް އިހްލާސްތެރި ބަޔަކަށް ނުވާނެކަމަށް އޮތްއޮތުން އިސްލާމް މުގައްރަރުގައި އޮތުމުން އެކަން މިރިޕޯޓުގައި ކުށްވެރިކޮށްފައިވެއެވެ.

އިސްރާ އާއި މިއުރާޖުގެ ހާދިސާ އަކީ ފުލޯކެއްގޮތުގައި ދޭހަވާގޮތައް އެރިޕޯޓުގައި ލިޔެފައިވެއެވެ.

އެއް ޖިންސުން ގުޅުންހިންގުމާއި ކައިވެނީގެ ކުރިން ގުޅުންހިންގުމާއި ކައިވެނީގެ ބޭރުން ގުޅުންހިންގުމަކީ އިސްލާމު ދީނުގައި ހުއްދަ ނޫން ކަންކަން ކަމުގައާއި އޭގެ ސަބަބުން މުޖްތަމައުއަށް ނޭދެވޭ އަސަރުކުރާނެކަމަށް އިސްލާމް މުގައްރަރުގައި އޮތްއޮތުމަށް އެރިޕޯޓުގައި ފާޑު ކިޔައިފައިވެއެވެ.

އެމްޑީއެން ރިޕޯޓާއެކު ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އެކި ގޮތްތަށް ވާހަކަ ދައްކަމުންދާއިރު މިފަދަ އިލްމީ ބޭފުޅުން ނިކުންނަވައި ޢާންމުންނަށް އަންނަނީ ރިޕޯޓުގައި ވާކަންކަން ތިލަކޮށް ސާފުކޮށްދެއްވަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

އެމްޑީއެންގެ މި ރިޕޯޓާގުޅިގެން އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑް ކުރުމުގެ އިތުރުން މިހާތަނަށް އެއްވެސް ފިޔަވަޅެއްއަޅަފައިނުވެއެވެ.

Advertisement

ކޮމެންޓް