Advertisement

ކަނޑުގެ ސަރަހައްދު ހުރަސްކޮށް މަސްވެރިކަން ނުކުރޭ: ފިޝަރީޒް

16 Oct 2019 | 07:37

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް މަސްވެރިކަން ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަނިކޮށް ހިފެހެއްޓި މަސްވެރިކަންކުރާ އުޅަނދު [އަންބަރީ] ދޫކޮށްލުމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނީ މަސްވެރިކަން ނުވަތަ މަސްވެރިކަމުގެ ޙަރަކާތެއް ހިންގުމަށް ހުއްދަ ދީފައިވާ ސަރަޙައްދުން ބޭރުގައި، އަދި އެސަރަޙައްދެއް ނިސްބަތްވާ އައްސޭރިފަށުގެ ގައުމުގެ ހުއްދަ ނުހޯދައި ޙަރަކާތްތެރިވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ (އަންކްލޮސް) އާއި އަދި އިންޑިއާ ކަނޑުގެ ކަނޑުގެ މަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ގަވާޢިދުތަކާއި ޚިލާފު އަމަލެއް ކަމަށެވެ.

އަދި މިފަދަ ގޮތަކަށް ޙަރަކާތްތެރިވަމުންދަނިކޮށް ހިފެހެއްޓޭ އުޅަނދުފަހަރުތަކުގެ ތަޙުގީގު މަރުހަލާއަކީ ދިގު މަރުހަލާއެއްކަމަށާއި މިމަރުހަލާ ނިމުމަށްފަހު ބޮޑެތި އަދަދުތަކުން މިފަދަ އުޅަނދުފަހަރު ޖޫރިމަނާކުރުމަކީ އާއްމުކަމެއްކަމަށް ވަނީ ބުނެފައެވެ.

"އެހެންނަމަވެސް، [އަންބަރީ] އުޅަނދުގެ ތަހުގީގު ކުރުމުއްދަތެއްގެ ތެރޭގައި ނިންމައި، އެއުޅަނދު ދިވެހިރާއްޖެއަށް އަނބުރާ އައުމަށް ދޫކޮށްލާފައިވާތީވެ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުންނާއި، އިންޑިއާގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ފަރާތުންނާއި، އެމްބަސެޑަރ ސަންޖޭ ސުދީރު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު ދަންނަވަމެވެ"، މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށްބުނީ އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދުގައި ގަވާޢިދާ ޚިލާފަށް ޙަރަކާތްތެރިވުމަކީ މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުން ބޮޑު އަސަރެއް ކޮށްފާނެކަމެއްކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، އަދި އޭގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން، ދިވެހި މަސްވެރި އުޅަނދުފަހަރު ޤާނޫނާއި، ގަވާއިދާ ޚިލާފު މިފަދަ އަމަލުތައް ނުހިންގުމަށް އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފޮޓޯ: ނާޖިހު ދީދީ/ ޓްވިޓަރ

Advertisement

ކޮމެންޓް

Advertisement