ކޮންމެ މީހެއްގެ އަތުންވެސް އިންކަމް ޓެކްސް ނަގަންޖެހޭ: ގާސިމް

17 Oct 2019 | 05:54

އާމްދަނީގެ އަދަދަށް ބެލުމެއްނެތި ކޮންމެ މީހެއްގެ އަތުންވެސް އިންކަމް ޓެކްސް ނަގަންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމު ހަވާލުކުރުމަށް ރޭ އޮތް ރަސްމިއްޔާތެއްގައެވެ.

ގާސިމް ވިދާޅުވީ މިއީ އެންމެންގެވެސް ގައުމު ކަމަށާއި ގައުމު ތަރައްގީ ކުރުމުގައި ވަކި ބަޔަކު އިސްތިސްނާވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން ގައުމުގެ ކޮންމެ ފަރުދެއްގެ އަތުން އިންކަމް ޓެކްސް ނެގެން ޖެހޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ހުރިހާ ރައްޔިތުންނަކީ ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބަޔަަކަށް ވީހިނދު، ތަފާތު ނުކުރެވޭނެކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ރޭގެ ޖަލްސާގައި ވަނީ ޕްރޮޕޯޝަނަލް އުސޫލުން ޓެކްސް ނެގުމަށް ތާއިދުކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. ޕްރޮޕޯޝަނަލް ޓެކްސްގެ އުސޫލަކީ ޓެކްސް ނެގުމަށް ކަނޑައެޅިފައިވާ ހުރިހާ އާމްދަނީއެއްގެ ގިންތިތަކުންވެސް އެއް ރޭޓެއްގެ ޓެކްސް ނެގުމެވެ.

އެބޭފުޅާ ވިދާޅުވީ އެންމެ ކުޑަ މުސާރަ ލިބޭ މީހާގެ އަތުންވެސް ޓެކްސް ނެގެންވާާނެކަމަށާއި ހަމައެކަނި ވަކި ބަޔެއްގެ އަތުން ޓެކްސް ނެގުމަކީ އިންސާފެއް ނޫންކަމަށެވެ.

ރޭގެ ޖަލްސާގައި ގާސިމް ވަނީ ޓެކްސް ނެގުމަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް