Advertisement

މިއަހަަރަކު އިންޓަރނެޓެއް އަގުހެޔޮ ނުވާނެ!

16 Oct 2019 | 18:41

މިއަަހަރުގެ ތެރޭގައި އިންޓަރނެޓް އަގުހެޔޮކުރުމުގެ މަސައްކަތް ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާާއި އެކު އޮތް ނުވަގަޑި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން އެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ހަމްދާން ވިދާޅުވީ އިންޓަރނެޓް އަގުހެޔޮވުމުގެ ކަންތައްތައް ރައްޔިތުން އުންމީދުކުރާ މިންވަރަށްވުރެ ލަސްވެފައިވަނީ، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަކަމުގެ ސަބަބުންކަމަށެވެ.

އެގޮތުން މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުގެ ފަރާތުން ސަބްސިޑީތައް ފޯރުކޮށްދޭން ޖެހޭނެކަމަށް ހަމްދާން ފާހަގަކުރެއްވިއެވެ. 

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައިވާ ގޮތުގައި އިންޓަރނެޓް އަގުހެޔޮކުރުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރާއި 2021ވަނަ އަހަރުގައެވެ. އިންޓަރނެޓް އަގުހެޔޮކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ޓެލެކޮމް ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމެވެ.

އެގޮތުން އެކަން ހާސިލްކުރުމަށް އިތުރު ޓެލެކޮމް ކުންފުންޏަކަށް ރާއްޖެއިން ފުރުސަތުދެއްވަފާނެކަމުގެ ވާހަކަތަކެއް ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ފޯރުކޮށްދޭ އިންޓަރނެޓްގެ އަގުހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދުމަށް އެކަށީގެންވާ މަސައްކަތްތައް ނުކުރާކަމަށްބުނެ، ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

Advertisement

ކޮމެންޓް