ރައީސް ޔާމީން އިންތިހާބުކޮށްދިނުމަށް އެދުނީތީ މަޢާފަށް އެދެން: ސިނާނު

19 Sep 2018 | 22:43

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރައީސްކަމަށް އިންތިޚާބު ކުރުމަށް މަސައްކަތް ކުރުމަކީ ހެއްދެވުނު ބޮޑު ގޯހެއް ކަމަށާއި، އެކަމަށްޓަކައި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު ވިދާޅުވެއްޖެ އެވެ.

ޖަލުގައި ހުންނަވާ ސިނާން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ތަޖުރިބާ ކުރައްވަމުން ގެންދަވަނީ މީގެ ފަސް އަހަރު ކުރިން، އަމިއްލަ އަތުން ލެވުނު ވޯޓުގެ ހިތި ރަހަ ކަމަށެވެ. ސިނާން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ވަނީ އަނިޔާވެރިކަމަކީ މަޖަލަކަށް އަދި ބޭއިންސާފަކީ އުފަލަކަށް ހަދާފައި ކަމަށެވެ.

ސިނާނު ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މެދު އަމަލުކުރަމުންދާ ގޮތް ވަޒަން ކޮށްލުމުން އޭނާއާ މެދު ކަންހިނގާނެ ގޮތް ތަސައްވަރުކުރަން ފަސޭހަވާނެ ކަމަށާއި، އެހެން ކަން އޮތް ނަމަވެސް މި އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީ ހިތްވަރު ކުރައްވާނެކަމަށެވެ. އަދި ރައްޔިތުންގެ ހައްގު ހޯދުމަށް ކުރައްވާ މަސައްކަތުގައި ދެގޮތެއްނުވެ ސާބިތުވެ ހުންނަވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސިނާނު ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވައި ހެއްދެވުނު ގޯހުގެ ކައްފާރާ ދައްކަމުން ގެންދަނީ އޭނާގެ ފުރާނައިން ކަމަށާއި އެހެން ނަމަވެސް މި ގޯހުގެ ސަބަބުން އުފަންވި ސަރުކާރުގެ ޝިކާރައަކަށް އެއްވެސް ރައްޔިތަކު ވުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement