Advertisement

މިފަހަރުގެ ތްރީ ޖެނެރޭޝަން ހިނގާލުން ހުޅުމާލޭގައި، ޕްލާސްޓިކް ފްރީ ވާނެ!

17 Oct 2019 | 16:12

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ތްރީ ޖެނެރޭޝަން ހިނގާލުން، މާދަމާ ހަވީރު 16:00 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިވާ ގޮތަށް ބޭއްވުމަށް ހަމަޖެހިފައިވާ މިހިނގާލުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަންމަތީ އުޅުމަށް ކުރެވެން ހުރިކަންކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމާއި، އެކަމުގެ މުހިންމުކަން ކުޑަކުދިންނާއި ޒުވާނުންނަށް އަންގައިދިނުމާއި، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

ޕެންޝަން އޮފީހުން މައުލޫމާތު ދޭގޮތުގައި މި ހިނގާލުމަކީ ޕްލާސްޓިކާއި ނުލައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިވެންޓެކެވެ. އެހެންކަމުން އެ އޮފީހުން ވަނީ މި ހިނގާލުމުގެ ހުރިހާ ބައިވެރިންވެސް، ފެންއަޅާނެ ފުޅިއެއް ގެނައުމަށް އެދިފައެވެ.

މި ހިނގާލުމުގެ ފުރަތަމަ 300 ބައިވެރިންނަށް ވަނީ ޚާއްސަކޮށް ފަރުމާކޮށްފައިވާ ޓީޝާޓުތަކެއް ހަދިޔާކޮށްފައެވެ. އެއަށްފަހު، ރަޖިސްޓަރކުރި ފަރާތްތަކަށްވެސް ވަނީ ޓީޝާޓުތަކެއް ދޫކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހިނގާލުމުގެ ބައިވެރިންނަށް ދަތުރުފަތުރާއި، ފުރަތަމަ ސިއްހީ އެހީ ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް