Advertisement

ބުރުގާއާއި ދެކޮޅަށް ވާހަކަ ދެއްކި ހާޝިމް ތައިލެންޑް އެމްބަސީގެ ސެކްޓްރީއަކަށް!

19 Oct 2019 | 21:10

އަންހެނުން ބުރުގާ އެޅުމާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ސަބަބުން ކައުންސިލް ރައީސް ކަމުން ދުރުކުރި އަލީ ހާޝިމް ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރަޓަރީއަކަށް ދިވެހި ސަރުކާރުން ހަމަޖައްސަވައިފިއެވެ.

2019 ޖަނަވަރީ 22 ވަނަ ދުވަހު އަލީ ހާޝިމް ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކޮށް، އިސްތިއުފާދޭން ރައްޔިތުން އެދެމުން އަންނާތީ ކަމަށެވެ.

ޗެނަލް ނިއުސް އޭޝިޔާއިންގެ "އަންޑަރކަވަރ" ސީޒަން 6 ގެ 4 ވަނަ އެޕިސޯޑްގައި ރާއްޖެއާ ބެހޭ ގޮތުން ގެނެސްދިން ރިޕޯޓެއްގައި ވާހަކަދައްކަމުން ހާޝިމް ބުނެފައިވަނީ މިހާރު ދިއްދޫގައި ސްކޫލް ކުދިންވެސް ބުރުގާ އަޅާ ކަމަށާއި މިއީ ރަނގަޅު ނިޝާނެއް ނޫން ކަމަށެވެ.

"މިހުރިހާ އަންހެނުން މިތިބީ ބުރުގާ އަޅާފަ. މިކުދިން ބުރުގާ އަޅަން ފެށީ ވަރަށް ފަހުން. އެކަމަކު މިހާރު ފެންނާނެ، ހުރިހާ އެންމެންހެން، ގްރޭޑް 1 ކުން ފެށިގެން 10 އަކާ ހަމައަށްވެސް ހުރިހާ އަންހެން ކުދިންވެސް ތިބެނީ ބުރުގާ އަޅާފައި. އަހަންނަށް ހީވަނީ މިއީ ރާއްޖެ ހައްދުފަހަނަ އަޅާފައިވާ ދިއުމުގެ ސަބަބުންވާ ކަމެއްހެން. ހަމަގައިމުވެސް މިއީ ރަނގަޅު ނިޝާނެއް ނޫން." ހާޝިމް ބުންޏެވެ.

ތައިލެންޑުގައި ރާއްޖޭގެ އެމްބަސީއެއް އެންމެ ފުރަތަމަ އުފައްދައި ގާއިމުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި، 30 ޖެނުއަރީ 2018 ގައެވެ. ނަމަވެސް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވާފައިވަނީ 16 އޮކްޓޫބަރ 2019 ގައެވެ. އެމްބަސީ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. އެމްބަސީ ހުންނަނީ ތައިލެންޑުގެ ވެރި ރަށް ބެންކޮކްގައެވެ.

Advertisement

ކޮމެންޓް