Advertisement

ލަންކާގެ ގާނޫނު ހަދާ މަޖިލީސް ވަގުތީ ގޮތުން ހުއްޓުވައިފި

27 Oct 2018 | 13:39

 ކޮޅުބުން މުހައްމަދު މުއައްލިމް އިބްރާހީމް

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީސް ވަގުތީ ގޮތުން ހުއްޓާލުމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަމުރުކުރައްވައިފިއެވެ. އެމަނިކުފާނު މި އަމުރު ކުރައްވާފައިވަނީ މިއަދުން ފެށިގެން ނޮވެމްބަރ މަހުގެ 16ވަނަ ދުވަހާއި ހަމައަށެވެ.

ސްރީލަންކާގެ ގާނޫނު އަސާސީން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން މަޖިލީހުގެ ބާރުތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލިކަން އެގައުމުގެ ރިޔާސީ އޮފީހާއި ހަވާލާދީ ލަންކާާގެ މީޑިޔާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. މި ނިންމުން ރައީސް ނަންގަވާފައިވަނީ މަގާމުން ދުރުކުރެވުނު ބޮޑުވަޒީރު އަދި ޔޫއެންޕީގެ ލީޑަރ ރަނިލް ވިކްރަމަސިންހަ، މަޖިލީހުގެ ޖަލްސާތައް އަލުން ފެއްޓުމަށް މަޖިލީހުގެ ރިޔާސަތުގައި އެދުނުތާ މާގިނައިރެއް ނުވެއެވެ.

މިއަދު ހެނދުނު ކޮޅުނބުގައި އެމަނިކުފާނަށް ތާއިދުކުރައްވާ މަޖިލިސް މެންބަރުންނާއި އެކު މީޑިޔާތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނަކީ އަދިވެސް ސްރީލަންކާާގެ ގާާނޫނީ ބޮޑުވަޒީރުކަމަށާއި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެބައޮތްކަމަށެވެ. ރޭގެ ދަންވަރުގެ ވަގުތެއްގައި ރަނިލް ވަނީ، އެމަނިކުފާނަކީ އަދިވެސް ލަންކާގެ ބޮޑުވަޒީރުކަމަށް ރައީސް ސިރިސޭނާއަށް ސިޓީއަކުން އަންގަވާފައެވެ.

ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ރަނިލް މަގާމުން ދުރުކޮށްފައިވާ ހިނދު، މިކަން އައިސްފައިވަނީ ލަންކާގައި ވެރިކަން ކުރާާ ކޯލިޝަން ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ސަރުކާރު ކޯލިޝަނުން ވަކިވިތާ މާގިނައިރުތަކެއް ނުވަނީސްކަން ފާހަގަކޮށްލެވެއެވެ. ޔޫޕީއެފްއޭ އިއްތިހާދުގެ ލީޑަރަކީ ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ކުމާރަތުންގައެވެ

ރައީސް ސިރިސޭނާއަށް ގާާނޫނުން ލިބިދޭ ބާރުގެ ދަށުން ބޮޑުވަޒީރުކަމަށް ރާޖަޕަކްސަ އައްޔަން ކުރައްވާފައިވާ ހިނދު، މިއީ ގާނޫނީ ގޮތުން ކުރެވިދާނެކަމެއް ކަމާއި މެދު ގިނަ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ރައީސް ސިރިސޭނާ ވިދާޅުވާ ގޮތުގައި އެމަނިކުފާނު ރަނިލް އެ މަގާމުން ދުރުކޮށް ރާޖަޕަކްސަ އައްޔަންކުރެއްވީ ލަންކާގެ ގާނޫނު އަސާސީގެ 42ވަނަ މާއްދާގެ ހަތަރުވަނަ ބާބުގެ ދަށުންނެވެ.

އެބާބުގައި ވާގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ ކަންކަމުގައި އިސްކޮށް ހުންނަވާ މީހެއްގެ ގޮތަށް ރައީސްއަށް ފެންނަ ކޮންމެ މަޖިލީސް މެންބަރެއްވެސް އައްޔަން ކުރެވިދާނެއެވެ. ނަމަވެސް ހަމަ އެގާނޫނުގެ 46ވަނަ މާއްދާގައި ރައީސްއަށް ބޮޑުވަޒީރަކު މަގާމުން ދުރުނުކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement