ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި މަގުމަތީގައި މުދާ ބަހައްޓަނީ

25 Oct 2019 | 13:15

ހުޅުމާލޭގައި ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތައް ދޫކޮށްފައިވާ ސަރަހައްދުގެ މަގުމަތީގައި މުދާތައް ބަހައްޓާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަކުން ވޮއިސްއަށް މައުލޫމާތު ދިންގޮތުގައި މި މުދާތައް މަގުމަތީގައި ބަހައްޓަމުން ގެންދަނީ އެއް ފަރާތެއްގެ ގުދަންތަކެއްގެ ކައިރީގައިވާ ސަރަހައްދުގައެވެ. އެގޮތުން ލަކުޑިއާއި އެޅިގާވެސް ޕޭމަންޓް މަތީގައި ބަަހައްޓާފައި ހުންނަކަން އެފަރާތްތަކުން ވަނީ ފާހަަގަކޮށްފައެވެ.

އެފަރާތްތަކުން ބުނީ މީގެ ސަބަބުން އެ ސަަރަހައްދު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށާއި، މިކަމާއި ގުޅޭގޮތުން އެޗްޑީސީއަށްވެސް ޝަކުވާކޮށްފައިވާނެކަމަށެވެ. ނަމަވެސް މިހާާތަނަށް މިކަމަށް ހައްލެއް ލިބިފައިނުވާކަމަށް އެފަރާތްތަކުން ބުނެއެވެ.

އަދި ހުޅުމާލޭގެ ބީޗްގައިވާ ކެފޭތައް ހުސްކުރި ފަދައިން، މަގުމަތީގައި ހުންނަ މިފަދަ ތަކެތިވެސް ނެގެންވާނެކަމަށް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެޗްޑީސީގެ ބަހެއް ހޯދާލުމަށް ވޮއިސްއިން އެޗްޑީސީގެ މީޑިއާ އޮފިޝަލްއަށް ދެ ދުވަހު ގުޅާލުމުންވެސް ވަނީ އެ މައްސަލާގައި އެޗްޑީސީން ފިޔަވަޅު ނާޅާ ސަބަބު ސާފުވާގޮތް ނުވެފައެވެ.

އެގޮތުން ދެ ދުވަހެއްގެ މަތިން މިކަމާއި ގުޅޭގޮތުން ސުވާލުކުރުމަށް އެޗްޑީސީގެ މީޑިޔާ އޮފިޝަލަށް ގުޅާލުމުން، އިސްވެރިއެއްގެ ބަހެއް ހޯދާލުމަށްފަހު ޖަވާބެއް ދޭނެކަމަށްވަނީ ބުނެފައެވެ.

ވޮއިސްގެ ޓީމުން ހުޅުމާލެ ސިނާއި ސަރަހައްދު ބަލާލުމުން އެކި ބޭނުމަށް އެ ސަރަހައްދުން ގުދަނާއި ގަރާޖުހެދުމަށް ދޫކޮށްފައިވާ ބިމުގެ އިތުރުން މަގާއި، ދުވާރުމަތިވެސް ވަނީ މުދަލާއި، ކުނިން ފުރާލާފައެވެ.

އެޗްޑީސީން ބޮޑެތި ވިޔަފާރިތަކަށް މިފަދައިން ފިޔަވަޅު އަޅާފައި ނުވިނަމަވެސް މަގުމަތީގައި ސައި ހޮޓާ، ކެފޭ ހިންގާ ފަރާތްތަކުން މޭޒު ބެހެއްޓުމުން އަންނަނީ ޖޫރިމަނާކުރަމުން ކަން ފާހަގަކޮށްލަންޖެއެވެ.

މީގެ އިތުރުން މަގުމަތީގައި ހެދިކާ ވިއްކަ މައްސަލާގައި އެޗްޑީސީން ވަނީ އެކަންވެސް މަނާކޮށް ވަކި ސަރަހައްދުތަކެއްގައި ހެދިކާ ވިއްކޭގޮތަހަދާފައިއެވެ. އަދި މިކަން ކުރަނީވެސް އެޗްޑީސީއަށް ފީ އަކާއެކުކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement

ކޮމެންޓް