ފަސް ގަޑިއިރު ތެރޭ ބުދުތައް ނަގަން ކޯޓުން އަމުރު ނެރެފި

20 Sep 2018 | 16:51

ސިއްރުފެންފުށި ރިސޯޓްގެ މޫދު އަޑީގައި ބެހެއްޓި ބުދުތައް ފަސް ގަޑިއިރު ތެރޭގައި ނެގުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސިއްރު ފެންފުށީގައި ހަދާފައި ހުރި ކޮރަލެރިއަމް އަކީ އިސްލާމްދީނުގެ ވަހުދަތާއި ދައުލަތުގެ ސުލްހަ މަސަލަސްކަމާ ޚިލާފަށް ހަދާފައިވާ ތަނެއް ކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

މި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތަށާއި އެ ބުދުތަކަށް އަޅުކަން ކުރުމުގެ ދޮރެއް ހުޅުވިޔަ ނުދިނުމަށްޓަކައި، އެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ވެސް އެ ބުދުތައް ބެހެއްޓުން ހުއްދަ ނުކުރެވޭނެ ކަމަށެވެ.

އެ އަމުރުގައި އަންގާފައި ވަނީ މިއަދު މެންދުރު 1:30 އިން ފެށިގެން ފަސް ގަޑިއިރުގެ ތެރޭގައި އެ ބުދުތައް އެތަނުން ނެގުމަށާއި، އެ މުއްދަތުގައި ބުދުތައް ނުނަގައިފި ނަމަ، ހަތް ދުވަހުގެ ތެރޭގައި އެ ތަކެތި ނަގައި، ނައްތާލަން ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ސިއްރު ފެންފުއްޓަކީ ޖީބީއެޗް ރިސޯޓްސް މޯލްޑިވްސް އިން ތަރައްގީ ކުރި ރިސޯޓެކެވެ. ބުދުތަކުގެ މައްސަލާގައި ސަރުކާރު އެތަކެތި ނަގަން އެންގުމުން އެ ރިސޯޓުން ވަނީ ނެގުމުގެ މަސައްކަތް ފަށާފައެވެ. އަދި ބުދުތަކެއް ހިމެނޭ ސްޓްރަކްޗާ ބަރު ކަމުން އެ އޮނިގަނޑު ނެގުން ލަސްވާތީ އެ ތަކެއްޗާއި ސްޓްރަކްޗާ ނެގެންދެން ބުދުތަކެއްގެ ގޮތުގައި ނުފެންނާނެހެން ސަތަރި އަޅައި ވަނީ ފޮރުވާފަ އެވެ.

Advertisement

ކޮމެންޓް

Advertisement