މި ސަރުކާރުގެ ދީނީ ކަންތައްތައް ކުރިއަށް ގެންދަންޖެހޭނީ ޕީޕީއެމްގެ ސިޔާސީ ޝިއާރަކަށް ނޫން: ރައީސް ނަޝީދު

27 Oct 2019 | 05:44

މި ސަރުކާރުގެ ދީނީ ކަންތައްތައް ކުރިއަށް ގެންދަންޖެހޭނީ ޕީޕީއެމްގެ ސިޔާސީ ޝިއާރެއްގެ މައްޗަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތީ ތިންބަޔަކާއި އެކު އެއްބައިވަންތަ ސަރުކާރެއް އުފެއްދުމަށްކަމަށެވެ. އެ ސަރުކާރުގައި ދީނީ ކަންތައްތައް ކުރިއަށްގެންދާނީ އަދާލަތު ޕާޓީގެ ހުށައެޅުންކަމަށް އެމްޑީޕީން ގަބޫލުކުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އޭގައި ޕީޕީއެމްގެ ސިޔާސީ ޝިއާރެއް ނުވަތަ 2015ވަނަ އަހަރުގައި ނެރުނު ރިޕޯޓަކަށް އަމަލުކުރަންޖެހޭ ކަމަކަށް ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީން އިއްޔެ ނެރުނު ބަޔާާނެއްގައި ވަނީ އެމްޑީޕީ އާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ އެއްވެސް ޤައުމީ މަޖިލިސް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް އެދޭކަމަށް ބުނެފައެވެ.

އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި، ދުރޫސުލް އަޚްލާޤުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement