އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މެންބަރުންގެ ނަންތައް އާންމުކުރަން އެދިއްޖެ

28 Oct 2019 | 13:44

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންތައް އާންމުކުރުމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ކަމާއިބެހޭ މުއައްސަސާތަކުގެ ކިބައިން ރައީސް ނަޝީދު މިކަން އެދިވަޑައިގެންފައިވަނީ މިއަދެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ އަމީންއާންމު އައިމިނަތު ނިއުޝާ ވިދާޅުވީ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވިކަމަށް ތުހުމަތުކުރެވޭ މެންބަރުންގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރުމަށް ކަމާއިބެހޭ އިދާރާތަކުގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ.

މި މެންބަރުންގެ ނަންތައް ހޯދުމަށް އެދުމަކީ އެ މެންބަރުންނާާއި މެދު ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުހަލާކަމަށް ނިއުޝާ ވިދާޅުވިއެވެ. އަދި މި މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެއް ކަމަށާއި މަޖިލީހުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް މަޖިލީހުގެ ރައީސާއި މެންބަރުންގެ އިތުރުން މަޖިލީހުގެ އިދާރާއިން ގަދައަޅައި މަަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭގޮތުން ފުލުހުންނާއި، އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް މަންފާކޮށްފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތައް ގެނެވުނު ވޯޓުތަކަށާއި، މަޖިލީހުގެ ރައީސް ހޮވުމާއި މެންބަރުން ޕާޓީ ބަދަލުކުރުމަށް އެފައިސާ ބޭނުންކުރިކަމަށް އެބޭފުޅާ ހާމަކުރެއްވިއެވެ.

އޭސީޕީ ރިޔާޒް ވިދާޅުވީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރަކަށް ޚިޔާނާތުގެ ފައިސާ ލިބިފައިވާކަމަށާއި އަދި އޭގެ ތެރޭގައި މި ހިނގާ މަޖިލީހުގެ 16 މެންބަރަކުވެސް ހިމެނޭކަމަށެވެ.

Advertisement

ކޮމެންޓް