އައިއެސް ޖަމާއަތުގެ ލީޑަރ ބަޣްދާދީ މަރުވެއްޖެ

28 Oct 2019 | 10:12

ސީރިޔާ އަދި އިރާގުގެ ހިސާބުތަކުގައި އިސްލާމީ ދައުލަތެއް ގާއިމްކޮށްގެން އުޅޭ ޖަމާއަތެއްކަމުގައިވާ އިސްލާމިކް ސްޓޭޓްގެ ލީޑަރ އަބޫބަކުރު އަލް ބަޣްދާދީ މަރުވެއްޖެކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ސީރިޔާގެ އިދްލިބް ޕްރޮވިންސްގައި އެމެރިކާ ސިފައިންގެ ސްޕެޝަލް ފޯސަސްއިން ހިންގި އޮޕަރޭޝަނެއްގައި ބަޣްދާދީއާއި މަރުވެފައިވާއިރު، އައިއެސްގެ ގިނަ ބަޔަކު މަރާލެވިފައިވާ ކަމަށެވެ.

ޓްރަމްޕް ހާމަކުރި ގޮތުގައި ބަޣްދާދީއާއި އެކު އޭނާގެ ތިން ދަރިން މަރުވީ، އަމިއްލައަށް ޖާނުން ފިދާވެގެންނެވެ. ގޮވާތަކެތި ހަރުކޮށްފައިވާ ވެސްޓެއް ގޮއްވާލައިގެން ބަޣްދާދީ މަރުވީ ޓަނަލެއްގެ ތެރޭގައިކަމަށް ޓްރަމްޕް ބުންޏެވެ. ޓްރަމްޕް ބުނިގޮތުގައި ބަޣްދާދީގެ ފަހު ވަގުތުކޮޅުތަކުގައި އޭނާ ދިޔައީ ރޮމުންނެވެ.

"އޭނާ މަރުވީ ކުއްތާއެއް ފަދައިން. އޭނާ މަރުވީ ބިރުގަނެފައިވާ މީހެއްފަަދައިން"، ބަޣްދާދީއަށް އިޝާރާތްކުރަމުން ޓްރަމްޕް ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި އެމެރިކާ ސިފައިންގެ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްްޕް ވަނީ މި އޮޕަރޭޝަން ހިންގުމުގައި އެހީތެރިވެދިން ކަމަށްޓަކައި ގިނަ ގައުމުތަކަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ސީރިޔާާ، ރަޝިޔާ، ތުރުކީ އަދި އިރާގަށް ޓްރަމްޕް ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ސީރިޔާގެ ކުރުދީން ހިމެނޭ ސީރިޔަން ޑިމޮކްރަޓިކް ފޯސަސްއަށްވެސް ޓްރަމްްޕް ވަނީ ޝުކުރުއަދާކޮށްފައެވެ.

Advertisement

ކޮމެންޓް