ސުޕްރީމް ކޯޓަށް ފަނޑިޔާރެއް އައްޔަންކުރުން ބުދަ ދުވަހު ބާއްވަނީ

28 Oct 2019 | 16:57

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުން އަންނަ ބުދަދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފަސްކޮށްފިއެވެ.

ފަނޑިޔާރަކު އައްޔަންކުރުމުގެ މަސައްކަތް މިއަދު ކުރުމަށް އޮތީ އެެޖެންޑާކުރެވިފައެވެ. އެހެން ނަމަވެސް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެ ވޯޓުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވެން ނެތުމުން އެ މަސައްކަތް ދެން ޖަލްސާއެއް އޮންނަ ދުވަހަކަށް ބަދަލުކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިއީ މިކަންކުރުމަށް އެޖެންޑާ ކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން މި މައްސަލައިގައި ބަހުސްކުރުމަށް އެޖެންޑާކޮށް އެ މައްސަލައަށް ބަހުސްކޮށްފައެެއް ނުވެއެވެ. ސަބަބަކީ މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ޖޭއެސްސީން ލަފާދިން ދެ ނަމާއި މެދު ކޮމެޓީން ދެކޭގޮތް ހިމަނާފައިނުވުމެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ނިންމެވުން ބަދަލުކުރައްވައި، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ނިންމަވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ހުސްވެފައިވާ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ނުވަތަ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ޖުޑީޝަރީ ކޮމެޓީން ވަނީ ލަފާދީފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަބްދުﷲ ދީދީ ވަކިކުރުމަށް މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.

Advertisement

ކޮމެންޓް

Advertisement