Advertisement

ރޮނާލްޑޯގެ ލަނޑުތަކާއެކު ޔުވެންޓަސް ސަލާމަތްވެއްޖެ

28 Oct 2018 | 07:54

އިޓަލީ ލީގުގައި އެމްޕޯލީ އަދި ޔުވެންޓަސް ބައްދަލުކުރި މެޗު ފަހަތުން އަރައި 2-1 ކުން ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ.

ރެލިގޭޝަން ޒޯނުގައި އޮތް އެމްޕޯލީއިން 28 ވަނަ މިނެޓުގައި ކަޕޫޓޯ ޖަހައިދިން ލަނޑާއެކު ކުރި ހޯދައި ފުރަތަމަ ހާފު ނިންމާލައިފައިވަނީ 1-0 ކުން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގައި ޑިބާލާއަށް ޕެނަލްޓީ އޭރިއާ ތެރެއިން އެމްޕޯލީގެ މިޑްފީލްޑާ އިސްމާއިލް ބެނާސަރ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓެއް ގޯލަށް ވައްދާލައިގެން ޔުވެންޓަސްވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. 54 ވަނަ މިނެޓުގައި ޔުވެންޓަސްއަށް މި ޕެނަލްޓީ ޖަހައިދިނީ ރޮނާލްޑޯއެވެ.

މެޗުން މޮޅުވި ލަނޑުވެސް ޔުވެންޓަސްއަށް ޖަހައިދިނީ ރެއާލް މެޑްރިޑުން އެ ޓީމާއި މި ސީޒަނުގައި އަލަށް ގުޅުން ރޮނާލާޑޯއެވެ. ރޮނާލްޑޯ މިލަނޑު ޖެހީ 70 ވަނަ މިނެޓުގައި އެމްޕޯލީގެ ޕެނަލްޓީ އޭރިއާ ބޭރުން ވަރަށް ބާރަށް ފޮނަވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒު ކޮށްލައިގެންނެވެ.

މި ލަނޑުތަކާއެކު ރޮނާލްޑޯވަނީ ޔުވެންޓަސްއަށް ބާރަ މެޗުން ހަތް ލަނޑު ޖަހައދީފައެވެ.

އެމްޕޯލީގެ ފާރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޔުވެންޓަސް ފަހަތުން އަރައި ކުރި ހޯދާފައިވަނީ އެޓީމުގެ ތަޖުރިބާ ބޭނުން ކޮށްގެންނެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް އޮތީ އެއްމެޗު އިތުރަށް ކުޅެ ވާދަވެރި ނަޕޯލީއަށް ވުރެ ހަތް ޕޮއިންޓް އިތުރަށް ލިބި ތާވަލުގެ އެއްވަނައިގައެވެ.  

Advertisement

ކޮމެންޓް