މަންޓާގެ ތިންވަނަ ސީޕްލޭން ރާއްޖެއަށް އަތުވެއްޖެ

29 Oct 2019 | 21:13

ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ މަންޓާ އެއާއިން ތިންވަނަ ސީޕްލޭނެއް ގެނެސްފިއެވެ.

ކެނެޑާއިން ފުރައިގެން އައި މި ސީޕްލޭން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެެވެ. މި ގެނެވުނު ސީޕްލޭނަކީ އެ އެއާލައިނުން ގެނައި ތިންވަނަ ސީޕްލޭނެވެ.

ވޮއިސްއަށް މައުލޫމާތުދެއްވި މަންޓާ އެއާގެ އޮފިޝަލަކު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު އެ އެއާލައިންގެ ސީޕްލޭން ފްލީޓަށް ހަތަރުވަނަ ސީޕްލޭނެއް ގުޅޭނެކަމަށެވެ.

މަންޓާއިން މީގެ ކުރިން ވަނީ މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި އެ އެއާލައިންގެ ސީޕްލޭން ދަތުރުތައް ފެށުމަށް ރާވަމުންދާކަމަށް ބުނެފައެވެ.

މަންޓާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ އެއާލައިންގެ ސީޕްލޭން ދަތުރުތައް ފެއްޓުމާއި އެކު ރާއްޖޭގެ ސީޕްލޭންގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މި ސީ ޕްލޭންތަކުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުންނާނެކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.

މަންޓާ އެއާގެ ސީޕްލޭންތައް ދަތުރުކުރާނީ ޝެޑިއުލްކޮށެވެ. މި ފްލައިޓްތަކުން ދަތުރުކުރައްވަން ބޭނުންވާ ކަސްޓަމަރުންނަށް ކުރިން ޓިކެޓް ބުކްކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މަންޓާއިން މިހާރުވެސް ދަނީ ދަރަވަންދޫއާއި ކުޑަހުވަދޫއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެ ދަތުރުތަކަށް އާންމުންގެ ބޮޑެތި ތަރުހީބެއް ދަނީ ލިބެމުންނެވެ.

Advertisement

ކޮމެންޓް