މަޖިލިސް ރައީސް ވަޑައިގަތުމާއި ދިމާކޮށް ހިޔާލުފާޅު ކުރި ބަޔަކު ފުލުހަށް ހާޒިރުކޮށްފި!

31 Oct 2019 | 12:59

މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ރޭ ގއ. ވިލިނގިޔަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިއުފާއަށާއި، އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލި ބަޔަކު ފުލުހުންނަށް ހާޒިރުކޮށްފިއެވެ.

ފުލުހުން މިމައްސަލާގައި ފުލުހުންގެ މީޑިއާއަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއަޕް ގްރޫޕްގައި ބުނެފައިވާގޮތުގައި އެ މުޒާހަރާ އަކީ ރަށު ކައުންސިލްގެ ހުއްދަ ނުނަގާ ހިންގާފައިވާ ހަރަކާތެއް ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުން ސަލާމަތީ ގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވެސް ވަދެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެފަދަ ބަޔަކު ސުވާލު ކުރުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރިމަށް ވެސް ފުލުހުން ބުންޏެވެ.

ވިލިނގިލި ކައުންސިލްއަށް ފޯނަށް ޖަވާބު ނުދެއްވާތީ މިމައްސަލަގައި ކައުންސިލްގެ ބަހެއް ވަނީ ލިބޭގޮތްނުވެފައެވެ.

ވިލިނގިލި ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދ ސަންއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިގޮތުގައި އެއީ މުޒާހަރާއެއް ނޫން ކަމަށާއި އެތަނުގައި ބަޔަކު އަޑުގަދަކޮށް އަޑު އުފުލީކަމަށެވެ.

މަޖިލިސް ރައީސް ވިލިގިއްޔަށް ވަޑައިގެންފައިމިވަނީ، މިއަދު އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނުގެ ހަތަރު އަތޮޅުގެ މަހާސިންތާއަށެވެ.

އެމްޑީއެންއިން ދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން ރާއްޖޭގެ 100އަށް ވުރެ ގިނަ ކައުންސިލަކުން ވަނީ އެކަނ ކުށްވެރިކޮށް އެ ޖަމިއްޔާ އުވާލުމަށް ގޮވާލާފައެވެ. އަދި ގިނަ އަދަދެއްގެ ރަށްރަށުގައި ވަނީ އެ ރިޕޯޓާއި ދެކޮޅަށް މުޒާހަރާކުރަން ފަށާފައެވެ.

Advertisement

ކޮމެންޓް

Advertisement