Advertisement

ޚިޔާނާާތުގައި ރައީސް ޞާލިހުގެ އަތެއް އޮތްކަމަށް ޖާބިރު ތުހުމަތުކުރައްވައިފި

01 Nov 2019 | 06:56

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އެމްޑީޕީގެ މެންބަރުން ނެގުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަތެއްވާާކަމަށް ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާާބިރު ތުހުމަތުކުރައްވައިފިއެވެ.

ޖާބިރު މިމޭރުމުން ތުހުމަތުކުރެއްވީ އެމްއެމްޕީއާރްސީގެ މައްސަލަ މަޖިލީހުގެ ޚާއްސަ ކޮމެޓީއަކުން ތަހުގީގުކޮށްގެން ކުރިއަށް ގެންދިއުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

އެބޭފުޅާ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި މިހާތަނަށް ކުރެވިފައިވާ ތަހުގީގުތަކަކީ ސިޔާސީ ނުފޫޒުގެ ތެރެއިން ކުރެވިފައިވާ ތަހުގީގުތަކެއްކަމަށްބުނެ، އެ ތަހުގީގުތައް އަލުން ހިންގަން ނިންމައި އަދި އެ ޚިޔާނާތާާއި ގުޅޭ މައްސަލަތައް ޝަރުއީ ކޯޓުތަކުގައި ކުރިއަށްދާ ދަނޑިވަޅެއްގައި އެ މައްސަލަ ތަހުގީގުކުރި ފުލުހުންގެ ބޭފުޅުންނާއި ދައުވާ އުފުލި އިރު ހުރި ޕީޖީ އެ މައްސަލަ އަލުން ބެލުމަކީ ރައްޔިތުންނަށް އިންސާފު ހޯދައިދެވިދާނެކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅޭގޮތުން ރާއްޖޭގެ މީޑިޔާތަކުން ގެނެސްދިން ޚަބަރާއި މައުލޫމާތުތަކަށް ބަލާއިރު، އެމްޑީޕީގެ އޭރުގެ ޕީޖީ ލީޑަރ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެ މަގާމުގައި ހުންނެވިއިރު، އޭރުގެ ސަރުކާރުން ގާނޫނު އަސާސީއާއި ގާާނޫނުތަކަށް ގެންނަން ބޭނުންވި އިސްލާހުތައް ގެނައުމަށް ބޭނުންވާ ތާއިދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ހޯދުމަށް ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތްތައް ހިންގިކަން އެނގޭކަމަށް މި ސިޓީގައި ވަނީ ބުނެފައެވެ.

އަދި މިކަން ބޮޑަށް ޔަގީންކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ މާާލިއްޔަތު ކޮމެޓީގައި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ދެއްކެވި ވާހަކަތަކުންނާާއި އެމްއެމްޕީއާރްސީގެ ކަންތައްތަކުގައި އޭރު އުޅުނު ފަރާތްތަކުން ދެއްކި ވާހަކަތަކުންކަމަށް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައިގައި ސަރުކާރުގެ މުއައްސަސާތަކަށް ދެފުށް ފެންނަ ތަހުގީގެއް ކުރެވިދަނެ ކަމަށް ގަބޫލު ނުކުރެވޭތީ ރައްޔިތުންގެ މަޖިލީހުގައި ކޮމެޓީއެއް އެކުލަވާލައިގެން ތަހުގީގު ކުރިއަށް ގެންދެވޭނެގޮތް ހަމަޖައްސައި ދިނުމަށް ޖާބިރު ވަނީ އެދިފައެވެ. އަދި އެ ތަހުގީގަށް ހާޒިރުކުރެވޭ ފުރަތަމަ މީހެއްގެ ގޮތުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ކޮމެޓީ އަށް ހާޒިރުކޮށް ސުވާލު ކުރެވިއްޖެ ނަމަ އެކަމުގެ ތަހުގީގަށް ފަސޭހަ ވާނޭކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement