އެމްޑީޕީގެ ޗެއާޕަސަން އަދި ސެކެޓަރީ ޖެނެރެލް ފުލުސް އޮފީހަށް ހާޒިރުކުރުން ކުށްވެރިކޮށްފި

20 Sep 2018 | 17:07

މޯލްޑީވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން “ވަގު ތެޔޮ ސްޕެޝަލް”ގެ ނަމުގައި ތައްޔާރުކުރި ރިޕޯޓާ ގުޅިގެން، އެޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފާއި، ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުލް ސައްތާރު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގެ މަސްއަލަ ތަޙްޤީޤުކުރުމަށް ފުލުސް އޮފީހަށް ޙާޒިރުވުމަށް، އަންގާ ޗިޓު ފޮނުވާފައިވާތީ އެކަން އެޕާޓީއިން ކުއްވެރިކޮށްފި އެވެ.

އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިރިޕޯޓާއި، އެމްޑީޕީގެ އިސް އޮފިޝަލުން ދެއްކެވި ވާހަކައިގެ ސަބަބުން ރައީސް ޔާމިންގެ އިންތިޚާބީ ޙައްޤުތަކަށް އުނިކަން ލިބޭކަމަށާއި، އެވާހަކަތަކުގައި ކޮށްފައިވާ ތުހުމަތުތަކަކީ ސާބިތުނުހިފޭ ވާހަކަތަކެއްކަމަށް ބުނެ 21 ސެޕްޓެންބަރު 2018 ވާ ހުކުރު ދުވަހުގެ 16:00 އަށް ފުލުސް އޮފީހަށް ޙާޒިރުވުމަށް އެމްޑީޕީގެ ޗެއަރޕާސަނަށް އަންގާފައިވާކަމަށެވެ. އަދި ހަމަ އެމަސްއަލައިގައި 19 ސެޕްޓެންބަރު 2018 ވީ ބުދަ ދުވަހު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްވެސްވަނީ ފުލުސް އޮފީހަށް ޙާޒިރުކޮށް ސުވާލުކޮށްފައިވާކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، މިއީ ސިޔާސީ ބޭނުމަށްޓަކައި ރައީސް ޔާމިންގެ ސަރުކާރުން ފުލުހުންގެ މުއައްސަސާގެ މައްޗަށް ނުފޫޒާއި ނަހަމަ ބާރު ހިންގަވައިންގެން ހިންގަމުންގެންދާ ބިރުދެއްކުމުގެ ޢަމަލުތަކުގެ ލިސްޓަށް އިތުރުވާ ނަންބަރެއްކަމަށެވެ. އަދި މިއީ ވަގުތީ ފައިދާގެ ދަހިވެތިކަމުގައި ޣައިރު ޤާނޫނީ ޢަމުރަށް ކިޔަމަންތެރިވުމަށް ތައްޔާރަށް ތިބި މަދު ފުލުހުންކޮޅެއްގެ ބޭނުން ހިއްޕަވައިގެން ސިޔާސީ ވާދަވެރިންނާއި، ފަނޑިޔާރުންނާއި، ނޫސްވެރިން ހިމެނޭގޮތުން، ރައީސ ޔާމިނާ ޚިޔާލު ތަފާތުވާ ފަރާތްތައް ޝިކާރަކުރެއްވުމަށް ހިންގާ ސިލްސިލާއަށް އިތުރުވާ ބޮޅެއްކަމަށްވެސް އެޕާޓީން ބުނެފައިވެ އެވެ.

އެޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި ސިޔާސީ ވާދަވެރިންގެ ބޮލަށް އިތުރު މަޅިތަކެއް މެހުމަށް ތިޔަ ރާއްވަވާ ޙީލަތްތެރި ރޭވުންތަކަށް ފަސްޖެހުމެއްނެތި، ރައީސް ޔާމިން ހިންގަވާފައިވާ ކޮރަޕްޝަނާއި، ވައްކަމާއި، ފަސާދައިގެ ވާހަކަ ދެއްކުން ހުއްޓާނުލާނެކަމަށެވެ.

އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ރިޔާސީ އިންތިޚާބުގެ ވޯޓު ކާމިޔާބުކޮށް، އިންސާފުގެ ކުރިމައްޗަށް ޒިންމާވާ ފަރާތްތައް ޙާޒިރުކުރާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް ދޭކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement

ކޮމެންޓް

Advertisement