މިއަދުވެސް އޮތީ 3 ނޮވެމްބަރުގައި ކުރިމަތިވި ފަދަ ހާލަތެއް- ޣައްސާން

03 Nov 2019 | 21:08

ނޮވެމްބަރު ތިނެއްގައި ދިވެހީންނަށް ކުރިމަތިވި ފަދަ ނުރައްކާތެރި ހާލަތެއް މިހާރުވެސް ކުރިމަތިވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވެފައި މިވަނީ ރޭ "ބަޑި ބުރާސްފަތި" މި ނަމުގައި އިދިކޮޅު ފަރާތްތަކުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޣައްސާން އިތުރަށް ވިދާޅުވިގޮތުގައި އޭރު ހަމަލާ ދޭން ރޭވި ފަދަ ކޭމްޕުތަކެއް މިއަދު ނެތަސް އިސްލާމް ދީނާއި، މިގައުމުގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރާ ކިއްލާތައް އަދިވެސް އެބަހުރި ކަމަށެވެ.

އަޣްސާން ވިދާޅުވީ އޭރު ދުޝްމަނުން އަމާޒު ކުރި އުންޑަތައް މިއަދު އަމާޒު ކުރަމުންދާ މަންޒަރު ނުފެނުނަސް، އިސްލާމް ދީނާއި މި ގައުމުގެ އިސްތިގްލާލާ ދެކޮޅަށް ސިއްރާއި ފާޅުގައި ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިއަދު ހަމަލާތައް އަމާޒު ކުރަނީ ދިވެހީންގެ އިސްލާމީ އަޤީދާއާއި ފިކުރުތަކުގެ އިންފާރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މާޒީ އަކީ މުސްތަގްބަލުގެ މޫނު ބަލާ ލޯގަނޑޭ ބުނެ އުޅޭ. އަޅުގަނޑަށް މިހާރުގެ މި މަސްރަހު ފެންނަގޮތުން، 3 ނޮވެމްބަރު 1988 ގައި ދިމާވެފައި އޮތް ނުރައްކާތެރި ހާލަތު މިހާރުވެސް ކުރިމަތިވަމުންދާތަން އެބަ ފެނޭ. އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނާލަން އެބަޖެހޭ." ޣައްސާން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް