ކޮންމެ ބަތަލެއްގެ އެންމެ ބާރުގަދަ ސިލޭހައަަކަށް ވެގެންދިޔައީ ފަހަތުގައި ތިބި އާންމުން: ރައީސް ޞާލިހު

04 Nov 2019 | 00:48

ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ތެދުވި ކޮންމެ ބަތަލެއްގެ އެންމެ ބާރުގަދަ ސިލޭހައަކަށް ވެގެންދިޔައީ އެ ބަތަލުންގެ ފަހަތުގައި ތިބި އާންމު ފަރުދުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 31 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ މިދިވެހި ފަސްގަނޑަކީ، ޤައުމީ އެތައް ބަޠަލުންތަކެއްގެ، ފުރާނައާއި ލެއިން ދިރުން ލިބެމުން އަންނަ ފަސްގަނޑެއްކަަމަށެވެ. އެގޮތުން މާތް ވެގެންވާ އިސްލާމް ދީނާއި، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، ތެދުވެވަޑައިގެންނެވި ކޮންމެ ބަޠަލެއްގެ އެންމެ ބާރުގަދަ ސިލޭހައަކަށްވީ، އެ ބަޠަލުންގެ ފަހަތްޕުޅުގައި ސާބިތުވެ ތިބި ޢާންމު ފަރުދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާއިން ދިވެހި ސިފައިންނާއި ޢާންމު ރައްޔިތުން، އެ ގުޅުން އަދިވެސް ބަދަހިކަންމަތީ ދެމިއޮތްކަން ސާބިތުކޮށްދިންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

"އޭގެ ފަހުން ރާއްޖެ ދުށް ސުނާމީ ކާރިޘާގައިވެސް، އަދި ދާދި ފަހުން މާލޭގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައިވެސް، ފެނިގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކަމާއި އަޚުވަންތަ ގުޅުމުގެ ވަރަށް ރީތި ނަމޫނާއެއް"، ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ދިފާޢުކުރުމުގައި ޖިހާދު ކުރައްވައި ޝަހީދުވެ ވަޑައިގެންނެވި ސިފައިންނާއި، މިޢުދުވާނުގައި ޢާންމުންގެ ތެރެއިން ޝަހީދުވި ހުރިހާ ބޭފުޅުންގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ. އަދި ޚާއްޞަގޮތެއްގައި އެ ދުވަހުގެ ޢުދުވާނު ނާކާމިޔާބު ކޮށްލުމުގައި މައި އައްޑަނައަކަށް ވެވަޑައިގެންނެވި ޤައުމީ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ.

ނޮވެންބަރު 3 ގެ ނުރައްކާތެރި ޢުދުވާނުން ދިވެހި ޤައުމު ސަލާމަތްކުރުމުގައި، އޭރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، ވަރަށް ޙިކްމަތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި އެދުވަހު މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ދިވެހި ރައްޔިތުންނާއި އަމިއްލަފުޅު ނަންފުޅުގައި ޝުކުރު އަދާކުރައްވާފައެވެ.

އަދި ޚާއްޞަކޮށް ދިވެހި ސަރުކާރުގެ އެދިވަޑައިގެންނެވުމަކަށް އިންޑިއާއިން ވެދިން އަވަސް އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

Advertisement

ކޮމެންޓް