ސްޓާޓް އަޕް ވީކެންޑަށް ނުގޮސް ވާކަށް ނެތް!

04 Nov 2019 | 09:38

ދުނިޔޭގެ އިގްތިސާދީ އަދި ވިޔަފާރީގެ މައިދާނަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެއް ބޮޑު ބަދަލަށް ވާނީ އަމިއްލަ ވިޔަފާރިތައް ފައްޓަމުންދާ ޒުވާނުންގެ އަދަދު އިތުރުވަމުންދިޔުމެވެ. މާލީ މިނިވަންކަމާއި ތިމާއަކީ ތިމާގެ އަމިއްލަ ވެރިޔާކަމުގައިވުމުގެ އިތުރުން އާ ޚިދުމަތްތަކާއި މުދާތައް ވިއްކުމަށް ގިނަ އަދަދެއްގެ ޒުވާނުން ދަނީ އަމިއްލަ ވިޔަފާރީގެ އެކި ބާވަތްތަކަށް ވަންނަމުންނެވެ. މިގޮތުން ސްޓާޓްއަޕް ތަކަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދަމުންއަންނަ ވިޔަފާރިތަކެކެވެ.

މިފަދަ ސްޓާޓްއަޕްތަކަށް ހިތްވަރުދިނުމަށް ޓެކްސްޓާރސް ސްޓާޓްއަޕް ވީކެންޑްގެ ނަމުގައި 54 ގަޑިއިރުގެ ޚާއްސަ ޕްރޮގްރާމެއް މިމަހުގެ 15-17 ވަނަ ދުވަހަށް މާލޭގައި ބޭއްވުމަށް ދަނީ ރާވަމުންނެވެ. މިއީ މި އިވެންޓް ބާއްވާ ތިންވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

ޓީއެސްޑަބްލިޔުއަކީ ޑިވެލޮޕަރުންނާއި، ވިޔަފާރިތަކުގެ މެނޭޖަރުންނާއި، ކުރިއަރަމުން އަންނަ ވިޔަފާރިވެރިންނާއި،އަލަށް ވިޔަފާރިތައް ފަށަން ބޭނުންވާ ފަރާތްތަކާއި، މާކެޓަރުންނާއި އަދި ގްރެފިކް ޑިޒައިނަރުން ފަދަ ގިނަ ފަރާތްތަކެއް ގުޅިގެން 54ގަޑިިއިރުގެ ތެރޭގައި ސްޓާޓްއަޕް ކުންފުންޏެއް އުފައްދައި، މަސައްކަތްކުރާނެފަދަ ޚިޔާލެއް ތަރައްގީކޮށް ފަނޑިޔާރުންނާއި ހަމައަށް ގެންގޮސްދިނުމަށް ބާއްވާ އިވެންޓެކެވެ. ކުރުގޮތަކަށް ދަންނަވަނީމަ މިއީ ތިން ދުވަހުގެ ތެރޭގައި ވިޔަފާރިއެއް ހިންގުމުގެ އިހުސާސެއް ފޯރުކޮށްދޭނެ ޒަރިއްޔާއެކެވެ.

ވޮއިސްއާއި ވާހަކަދައްކަމުން މި ސްޓާޓްއަޕް އިވެންޓް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސެއިން ޖިނާން ބުނީ މި އިވެންޓްގައި ބައިވެރިވުމަކީ ތިމާާ އަރާމުކޮށްލަން ލިބޭ ހަފްތާ ބަންދުގެ ދުވަސްތައް ބޭކާރުވެގެން ނުދާނެކަމެއްކަމަށް ޔަގީންކޮށްދޭ ކަމަށެވެ. އެގޮތުން މި އިވެންޓްގެ ބައިވެރިންނަށް ތަފާތު ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ޖިނާން ފާހަގަކުރިއެވެ.

އެގޮތުން އޭނާ ބުނިގޮތުގައި މި އިވެންޓުން ތިމާއާއި ވިޔަފާރީގެ ދާއިރާއިން އެއްޚިޔާލެއްގެ ގިނަބަޔަކާއި ދިމާވެ، އެފަރާތްތަކާއި އެކު ވިޔަފާރީގެ މައިދާނުގައި ކުރިއަށް ދިއުމަށް ބޭނުންވާނެ މުހިންމު ގުޅުންތައް އުފެދިގެންދާނެއެވެ. އަދި ހޮވާލެވޭ ރަނގަޅު ޚިޔާލުތަކާއި މެދު އެހެނިހެން ބައިވެރިން ދެކޭގޮތް ހޯދި، ކަމުގެ މާހިރުންގެ އިރުޝާދާއިއެކު ވިޔަފާރި ބައްޓަންކުރާނެ ގޮތް އެނގިގެންދާނެކަމަށްވެސް ޖިނާން ބުންޏެވެ.

ވިޔަފާރިއެއް އަލަށް ފަށައިގަތުމަކީ އިންތިހާއަށް އުނދަގޫ އަދި ބިރުވެރި ކަމެކެވެ. ވަކިން ޚާއްސަކޮށް އެއީ އާ ޚިޔާލެއް ކަމުގައި ވަނީނަމަ ރަނގަޅު ތަމްރީނާއި ތައުލީމް ނެތްނަމަ އެ ވިޔަފާރިއާއި ގޮންޖެހުންތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ޓެކްސްޓާރސް ސްޓާޓްއަޕް ވީކެންޑް އަކީ ވިޔަފާރީގެ މައިދާނަށް އާ ޚިޔާލުތަކާއި އެކު އަލަށް ވަންނަ ފަރާތްތަކަށް ރަނުގެ ފުރުސަތަކަށް މެނުވީ ނުވެއެވެ.

Advertisement

ކޮމެންޓް