ހެންވޭރުގެ ބޮޑު އަލިފާނުގެ ހާދިސާގައި ހަރަކާތްތެރިވި ސިފައިންތަކަކަށް މެޑަލްދީފި

04 Nov 2019 | 07:52

މިދިޔަ ސެޕްޓެމްބަރ މަހުގައި ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިިވި ސިފައިންތަކަކަށް މެޑަލްދީފިއެވެ.

މިފަރާތްތަކަށް ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ހަވާާލުކޮށްދެއްވާފައިވަނީ ރޭ އޮތް ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

އެމްއެންޑީއެފްއިން މައުލޫމާތުދޭ ގޮތުގައި ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ދެނީ އަމިއްލަ ނަފުސަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި، އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް ނުވަތަ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރު ބަލައި، ދޭ މެޑަލެކެވެ.

މި މެޑަލް ރޭ ލިބިފައިވަނީ ނުވަ ސިފައިންނަށެވެ.

އެފަރާތްތަކަކީ އަމިއްލަ ފުރާނައަށް ބެލުމެއްނެތި، އެ އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ގެތަކަށް އެކި ފަހަރުމަތިން ވަދެ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރި ފަރާތްތައްކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ލިބުނު ސިފައިންގެ ބޭކަލުންނަކީ ސާޖަންޓް އަހްމަދު ސައީދު، ސާޖަންޓް މަހުފޫޒް އަބްދުއްރަޝީދު، ސާޖަންޓް އަލީ ރިޒްވީން، ސާޖަންޓް އާދަމް ފަޒީލް، ސާޖަންޓް ހުސައިން އަންވަރު، ކޯޕްރަލް އަހްމަރު އަނަސް ޒަކީ، ކޯޕްރަލް އަހްމަދު ހިޝާމް، ކޯޕްރަލް ޝަހުދާން ނަސީމް، ޕްރައިވެޓް އިސްމާއިލް ރިހުޝާން އެވެ.

Advertisement

ކޮމެންޓް

Advertisement