ރާއްޖޭގެ ހުރިހާ ކަމެއް ދަނީ ގޯހުން ގޯހަށް: ޖާބިރު

04 Nov 2019 | 15:56

ދިވެހިރާއްޖޭގެ ހުރިހާކަމެއް މިވަގުުތު ގޯހުން ގޯހަށް ދަމުންދާކަމަށް ޑީއާރްޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުނު ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާ މައްސަލައިގެ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ތަޖުރިބާއެއް ނެތި މަގުމަތީގައި ހަޅޭލަވަން ތިބެފައި މަޖިލީހަށް ވަތް ބައެއް އެމްޑީޕީން މެމްބަރުން ރާއްޖޭގެ ވިޔަފާރިވެރިންވެސް ކުށްވެރިންގެ ގޮތަށް ބަދަލުކުރަމުންދާކަމަށެވެ.

މި އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އެ ބަޖެޓުގައި ކާށިދޫ ދާއިރާއަށް އެއްވެސް ކަމެއް ނެތްކަމަށާއި އަދި އެ ބަޖެޓް އޮތީ ސަރުކާރުގެ ކޯލިޝަންގެ މެދުގައި ތިންބަޔަކަށް ބަހާލާފައި ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބުމުގެ މާނައަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮތް ސަލާން ޖެހުމުގެ އުސޫލު އަލުން ގާއިމުކުރުން ނޫންކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ މިހާރު ހުރިހާ ކަމެއް މިދަނީ ގޯހުން ގޯހަށްކަމަށާއި ތަކެތި ހިމާޔަތްކުރަމުންގޮސް އިންސާނުން ހިމާޔަތްކުރާ ހިސާބަށް ގޮސްފައިވާކަމަށެވެ. އަދި އެއް ރަށުން ރުއްގަސް ނަގައިގެން ގެންގޮސް އަނެއްރަށުގައި ޖެހުމުން ލިބޭނެ ގެއްލުމެއް ނެތްކަމަށް ޖާބިރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement