މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ފުމުމުން މެންބަރ ޓޮމްއަށް އަދަބުދީފި

04 Nov 2019 | 18:35

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަށިގަނޑު ފުމުމުން މަހިބަދޫ ދާއިރާާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް)އަށް އަދަބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މެންބަރު ތޯރިގަށް އަދަބުދިނުމަށް ރައީސް ނަޝީދު ނިންމެވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމަށް ފާޑުވިދާޅުވެ އެމްޑީޕީގެ މެންބަރުން ދައްކަވަމުން ގެންދިޔަ ވާހަަކަަތަކަށް ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ކުރި އިހުތިޖާޖުގެ ތެރެއިން، ކަށިގަނޑެއް ފުމުމުގެ ސަބަބުންނެވެ.

ރައީސް ނަޝީދު ވަނީ ދެން މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނެ ކަމަށް 100 ފަހަރު ލިޔަން، މެންބަރު ތޯރިގަށް އަންގަވާފައެވެ.

"އަޅުގަނޑު މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު 100 ފަހަރު ދެން ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން، އެގޮތަށް މި ދެންނެވި ޖުމްލަ 100 ފަހަރު ލިޔުއްވުމަށް ދަންނަވަން،"، މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަބަޔަކު ދަނީ މި އަދަބާއި މެދު ބަހުސްކޮށް، މިއީ އެކަށީގެންވާ އަދަބެއްތޯ ސުވާލު އުފައްދަމުންނެވެ.

Advertisement

ކޮމެންޓް

Advertisement