ރައީސް ޔާާމީންގެ މައްޗަށް ހުކުމްކުރުން މާދަމާ އެކެއް ޖަހާއިރު!
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގގެ ދައުވާގެ ހުކުމް އިއްވުމުގެ ޝަރީއަތް މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުުރުފަހު 13:00 އިން ފެށިގެންނެވެ. މި މައްސަލަ ބައްލަވާ ގާޒީއަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމެވެ.
މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މަނީ ލޯންޑްރިންގގާއި ގުޅުވައިގެން ދައުވާކުރެވޭ ފުރަތަމަ މައްސަލަކަން ފާހަގަކޮށްލެވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގްގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާ ނަމަކަށް ކިޔާ ފަޅުރަށެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވިއްކައިގެން ލިބުނު އެއް މިލިޔަން ޑޮލަރު، މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ.
މި ފައިސާ ދެފަހަރެއްގެ މަތިން ފަސް ލައްކަ ޑޮލަރުގެ ޗެކްތަކެއްގެ ގޮތުގައި ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބޮޑު ދައުރެއް އަދާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުންކަމަށް ދައުލަތުން ވަނީ ބުނެފައެވެ. މި ފައިސާގެ މައްސަލަ ބަަލަން ފެށުމާއި އެކު، އޭސީސީން ވަނީ 2018ވަނަ އަހަރުގެ ތެރޭގައި އެ ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރަން އެދިފައެވެ. ނަމަވެސް ތަހުގީގު ނިމެންދެން އެ ފައިސާ އެސްކްރޯ އެކައުންޓަކަށް ލާން އެދުނުއިރު، ރައީސް ޔާމީންގެ އެދިލެއްވުމަކަށް އެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކޮށްދެއްވީ ކުރީގެ ޓުއަރިޒަމް މިިނިސްޓަރ މޫސާ ޒަމީރުކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ޒަމީރަށް އެއް މިލިޔަން ޑޮލަރު ލިބުނީ އެބޭފުޅާގެ ބިމެއް ވިއްކައިގެން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. އެބޭފުޅާގެ މި މުއާމަލާތާއި ގުޅިގެން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުން ވަނީ އެސްޓީއާރެއް ފުލުހުންނަށް ހުށައަޅާފައެވެ. އެސްޓީއާރު ނުވަތަ ސަސްޕިޝަސް ޓްރާންސްސެކްޝަން ރިޕޯޓަކީ ޝައްކު އުފެދޭ ފަދަ ފައިސާގެ މުއާމަލާތްތައް ތަހުގީގުކޮށްދިނުމަށް އެދި ގާނޫނީ ހައިސިއްޔަތަކުން އެމްއެމްއޭގެ އެފްއައިޔޫއިން ފުލުހުންނަށް ފޮނުވާ އެއްޗެކެވެ.
މި މައްސަލައިގައި އެންމެފަހުން އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުންނާއި ރައީސް ޔާމީންގެ ފަރާތުން ވަނީ ކުރިން ޝަރީއަތުގައި ދެކެވިފައިވާ ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް ޚުލާސާ ބަޔާން އިއްވާފައެވެ. ރައީސް ޔާމީންގެ ފަރާތުން ޚުލާސާ ބަޔާނުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ މިއީ ސިޔާސީ ދައުވާއެއް ކަމަށާއި، ގާާނޫނީ އިޖުރާއަތްތައް މި ދައުވާގައި ފުރިހަމަވެފައި ނެތްކަމަށެވެ.
މި މައްސަލައިގައި ދެފަރާތުންވެސް ވަނީ ގިނައަދަދެއްގެ ޝަފައީ ހެއްކާއި ކިތާބީ ހެކި ހުށައަޅާފައެވެ. ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ހިމެނޭ ދެ ޝަފައީ ހެކިވެރިއަކު ވަނީ ހެކިބަސް ދިނުމަށް އިންކާރުކޮށްފައެވެ. އެއީ ދައުލަތުގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ހުށައެޅި އޭސީސީގެ ރައީސް ހަސަން ލުތުފީއާއި ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށައެޅި އެމްއެމްއޭގެ ކުރީގެ ގަވަރނަރ ޑރ.އަޒީމާ އާދަމެވެ.
މި މައްސަލައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ހެކިބަހަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު، ރައީސް ޔާމީނާއި ދެކޮޅަށް ދެއްވި ހެކިބަހެވެ.
މި މައްސަލައިގައި މިހާތަނަށް ބޭއްވި ޝަރީއަތުގެ އަޑުއެހުންތަކުގައި ރައީސް ޔާމީންގެ ފަރާތުން ބުނެފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރީ ވޮޑަމުއްލާގެ ފައިސާކަން އެނގޭނެ ކަށަވަރުގޮތެއް ނެތްކަމަށެވެ. ސަބަބަކީ އެ ފައިސާ ޖަމާކުރި ޗެކްތައް ފެންނަން ނެތުމާއި، ވޮޑަމުއްލާގެ ފައިސާ އެސްއޯއެފްއަށް ލިބުނު އިރުވެސް އެ ކުންފުނީގެ އެކައުންޓްގައި އެހެން ފައިސާތަކެއް ހުރުމެވެ.
އަދި އެސްއޯއެފްގެ ހުރިހާ މުއާމަލާތްތަަކަކީ ގޯސް މުއާމަލާތްތަކެއް ނޫންކަމަށް ސިވިލް ކޯޓުގެ ހުކުމަކުންވެސް ކަނޑައަޅާފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ފާހަގަކުރައްވައެވެ.
ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގގެ މައްސަލައިގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists