Advertisement

މާދަމާ ހެނދުނު އިސްގާޒީ ހައިލަމް ޖޭއެސްސީއަށް ހާޒިރުކުރަނީ

05 Nov 2019 | 01:29

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް މާދަމާ ހެނދުނު ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "މިހާރު" އިން ބުނެފައިވާ ގޮތުގައި ހައިލަމަށް އަންގާފައި ވަނީ މާދަމާ ހެނދުނު 8:00 ގައި ޖޭއެސްސީ އަށް ހާޒިރުވުމަށެވެ.

ހައިލަމް ޖޭއެސްސީއަށް ހާޒިރުކުރަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބާ ގްރޫޕަކަށް ފޮނުވި މެސެޖަކާއި ގުޅިގެންނެވެ. މި ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގައިގައި ހިލިހިލާ އަޅުވައިގެން ދަމާފައި ގެންދާތަން ފެނެއެވެ.

ނަމަވެސް އެ ފޮޓޯ ޝެއަރކުރެވުނީ އޮޅިގެންކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ހައިލަމް މިހެން ވިދާޅުވީ ޖޭއެސްސީން މި މައްސަލަ ބެލުމަށް ނިންމާފައިވަނިކޮށް މިރޭ ނެރުއްވި ބަޔާނެއްގައެވެ.

އިސްގާޒީ ހައިލަމް ވިދާޅުވީ ވައިބަރ ގްރޫޕްގައި ނަސްރުގެ ދުވަހުގެ ތަހުނިޔާާ ކިޔުމަށް ލާފައިވާ ފޮޓޯ އެގްރޫޕަށް ލާފައިވަނީ އެ ފޮޓޯގައި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން ދެން އެ ފޮޓޯގައި ތިބީ ކޮން ފަރާތްތަކެއްކަން ބެލުމަކާއި ނުލައިކަމަށެވެ. އެގޮތުން އެ ފޮޓޯގައި ރައީސް ޞާލިހާއި ރައީސް ނަޝީދަށް ނިސްބަތްކުރެވޭފަދަ ކުރެހުމެއް ހުރިކަން އެނގިފައިނުވާކަަމަށާއި އެފަދަ ކުރެހުމެއް އިންކަމަށް ވިސްނާލެވިފައިވެސް ނުވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ"، ހައިލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އެބޭފުޅާ ބަޔާާނުގައި ވިދާޅުވީ އެ ފޮޓޯ ޝެއަރކުރި ވައިބަރ ގްރޫޕަކީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޕްރައިވެޓް ގްރޫޕެއް ނަމަވެސް އެ ފޮޓޯ ޝެއަރކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަށްކަމަށްބުނެ ސިޔާސީ ބައެއް ފަރާތްތަކުން އެބޭފުޅާ ބަލަމުންދާ މައްސަލައަކަށް ނުފޫޒުފޯރުވުމުގެ ގޮތުން އެބޭފުޅާ ރިޝްވަތު ނަންގަވާފައިވާކަމަށް ތުހުމަތުކޮށް ވާހަކަދައްކާފައިވާކަަމަށެވެ.

އަދި އެއީ ކޯޓުގައި ހިނގަމުންދާ މައްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން ހައިލަމް ކުރަމުންދާ މަސައްކަތަށް ނުފޫޒުފޯރުވުމަށް ކޮށްފައިވާ އަމަލުތަކެއް ކަމުގައިވީނަމަވެސް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާާއިޒު މަންފާއެއް ހޯދައިދޭން މަސައްކަތް ކޮށްފައި ނުވާނެކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement