Advertisement

ގާޒީ ހައިލަމް ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމައިފި

05 Nov 2019 | 13:18

ކްރިމިނަލް ކޯޓުގެެ އިސްގާޒީ އަހުމަދު ހައިލަމް 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.

މިގޮތަށް ޖޭއެސްސީން ނިންމުމުން މިއަދު ތާވަލްކުރެވިފައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގގެ ދައުވާގެ ހުކުމް ކުރުމުގެ އަޑުއެހުން ވަނީ ކެންސަލްވެފައެވެ.

އިސްގާޒީ ހައިލަމްގެ މައްޗަށް ޖޭއެސްސީން ދަނީ ދެ މައްސަަލައެއް ބަލަމުންނެވެ. ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މައްސަލަ ބަލައި ނިމެންދެން ހައިލަމް ސަސްޕެންޑްކޮށްފައިވަނީ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ކްރިމިނަލް ކޯޓުގެ މުވައްޒަފުން ހިމެނޭ ވައިބަރ ގްރޫޕަކަށް ފޮނުވި ފޮޓޯއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގައިގައި ޗޭނު އަޅުވައިގެން ދަމާފައި ގެންދާތަން ފެނުނު މައްސަލައެއްގައެވެ.

މިކަމާއި ގުޅިގެން އިސްގާޒީ ހައިލަމް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވައިބަރ ގްރޫޕްގައި ނަސްރުގެ ދުވަހުގެ ތަހުނިޔާާ ކިޔުމަށް ލާފައިވާ ފޮޓޯ އެގްރޫޕަށް ލާފައިވަނީ އެ ފޮޓޯގައި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން ދެން އެ ފޮޓޯގައި ތިބީ ކޮން ފަރާތްތަކެއްކަން ބެލުމަކާއި ނުލައިކަމަށެވެ. އެގޮތުން އެ ފޮޓޯގައި ރައީސް ޞާލިހާއި ރައީސް ނަޝީދަށް ނިސްބަތްކުރެވޭފަދަ ކުރެހުމެއް ހުރިކަން އެނގިފައިނުވާކަަމަށާއި އެފަދަ ކުރެހުމެއް އިންކަމަށް ވިސްނާލެވިފައިވެސް ނުވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ"، ހައިލަމް ވިދާޅުވިއެވެ.

މި މައްސަލަ ބެލުމަށް މިއަދު ހެނދުނު 8 އަށް ހައިލަމްއަށް ޖޭއެސްސީއަށް ހާޒިރުވާން އެންގެވިއެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގަށް ހައިލަމް ހާޒިރުވެފައެއް ނުވެއެވެ.

Advertisement

ކޮމެންޓް

Advertisement