އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވާނީ 17 ނޮވެމްބަރުގައި

28 Oct 2018 | 18:32

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރުން 17 ނޮވެމްބަރ ބޭއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ހާއްސަ ކޮމިޓީއިން ފާސްކޮއްފިއެވެ.

މިމައްސަލައިގެ މަޖްލީސް ބަހުސް އަށްފަހު އިތުރަށް ދިރާސާ ކުރުމަށް ވަނީ ހާއްސަ ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާ ލާފައެވެ.

މިކޮމިޓީ އެކުލަވާލެއްވީ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއެއް އެކަލަވާލާ ފޮނުވުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމަށްފަހު 68 މެންބަރުންގެ އަގުލަބިއްޔަތުނެވެ. މިކަމާއި ދެކޮޅަށް ވޯޓްދެއްވީ އެންމެ މެންބަރެކެވެ.

މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަތް މެންބަރުންނަކީ، ރިޔާޒު ރަޝީދާއި، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި، ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިނާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ 17 ނޮވެމްބަރގައި އިންތިހާބީ ރައީސް ހުވާކުރަން ކޮމިޓީއިން ނިންމިކަމަށްބުނެ ޓްވީޓްވެސް ކުރައްވާފައެވެ.

https://twitter.com/Roxeyna/status/1056490625179115520

ގާނޫނީ އަސާސީގައި ބަޔާން ކޮށްފައިވަނީ އިންތިހާބީ ރައީސް ހުވާކުރައްވަން ޖެހޭނީ 11 ނޮވެމަބަރުގައި ކަމުގައި ވީ ނަމަވެސް 2014 ވަނަ އަހަރު ބޭއްވި އިންތިހާބަގައި ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުގެ ސަބަބުން ރައީސް ޔާމިން ހުވާކުރައްވާފައިވަނީ 17 ނޮވެމްބަރުގައެވެ.

މިއަދު މަޖިލިސްގެ ޖަލްސާގައި ބައެއް ބޭފުޅުންވަނީ 11 ނޮވެމްބަރާއި ހަމައަށް ރައީސް ޔާމިންއަށް 5 އަހަރުގެ ދައުރު ހަމަނުވާކަމަށްވެސް ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް