ޓީޗަރުންގެ މުސާރައާއި މަސައްކަތުގެ މާހައުލު ރަނގަޅެއް ނޫން: މިނިސްޓަރ

06 Nov 2019 | 14:20

ދިވެހިރާއްޖޭގެ ޓީޗަރުންގެ މުސާރައާއި މަސައްކަތުގެ މާހައުލު ރަނގަޅު ނޫންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓީޗަރުންގެ މުސާރައާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލުތަކަށް ޖަވާާބުދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ޓީޗަރުންގެ މުސާރައާއި ގުޅޭގޮތުން މުރާޖައާ ކުރެވިފައިވާ އޮނިގަނޑެއް ޕޭ ކޮމިޝަނާއި ހިއްސާ ކުރެވިފައިވާނެކަމަށާއި، މުސާރަ ބޮޑުކޮށް މުސާރަ ހަމަހަމަ ކުރުމަކީ ޕޭ ކޮމިޝަނުން ކުރައްވާ ކަމަކަށްވުމުން، އެ ކޮމިޝަނުން އެކަން ވަރަށް އަވަހަށް ކުރާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޑރ.އައިޝަތު އަލީ ވިދާޅުވީ މުދައްރިސުކަމަކީ ކުރިން ވަރަށް ގަދަރުވެރި ވަޒީފާއެއްގެ ގޮތުގައި ދެކެމުން އައި ނަމަވެސް، މިހާރު އެއީ އެހާ ގަދަރުވެރި ކަމެއްގެ ގޮތުގައި ނުދެކޭކަމެއް ކަމަށެވެ. އަދި ޓީޗަރުން އެފަރާތްތަކުގެ މަސައްކަތުގައި އެހާ ގިނަ ވަގުތުތައް ހޭދަކުރާއިރު، އެ ފަރާތްތަކުން ކުރާ މަސައްކަތާއި ގާތަށްވެސް މުސާރަ ނުދެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވަނީ ޓީޗަރުންގެ މުސާރައާއި މަސައްކަތުގެ މާހައުލަކީ އެހާ ރަނގަޅު އެއްޗެއްކަމަށް ނުދެންނެވޭނެކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް