Advertisement

ބަޖެޓް ކޮމެޓީ އެކުލަވާލައިފި، މުގައްރިރަކީ ނާޝިޒް

06 Nov 2019 | 14:27

2020ވަނަ އަހަރަށް ލަފާކުރުމަށް ދައުލަތުން ފޮނުވާފައިވާ ބަޖެޓް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުން ކޮމެޓީއެއް އެކުލަވާލައިފިއެވެ.

މި ބަޖެޓް ދިރާސާކުރާާ ކޮމެޓީގެ މުގައްރިރުކަމަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަދި ނައިބު މުގައްރިރުކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވަނީ އައްޔަންކޮށްފައެވެ.

އަންނަ އަަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 37.5ބިލިޔަން ރުފިޔާއެވެ. މި ބަޖެޓްގައި ލިބޭނެ އާމްދަނީގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 29.9 ބިލިޔަން ރުފިޔާއެވެ. މި އަަދަދުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ ޓެކްސްގެ ނިޒާމުންނެވެ. ބަޖެޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެއީ އާމްދަނީގެ 48 ޕަސެންޓް ނުވަތަ 17.8 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރުގައި ޓެކްސްގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ އަމާޒުކޮށްފައެވެ. އެގޮތުން އިންކަމް ޓެކްސް ނަގަންފެށުމަކީ އެންމެ މުހިންމު އެއް ބަދަލެވެ. މި ބަޖެޓްގައިވާ ގޮތުގައި އިންކަމް ޓެކްސްއާއި އެއާއި ގުޅޭ އެހެން ޓެކްސްތަކުން 706 މިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.

2020ގެ ބަޖެޓުގައި ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 35.6 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މި ބަޖެޓަކީ 5.7ބިލިޔަން ރުފިޔާއިން ޑެފިސިޓްވެގެންދާނެ ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތައްޔާރުކޮށްގެން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފުރަތަަމަ ބަޖެޓެވެ.

Advertisement

ކޮމެންޓް