ރަކީދޫގައި ސްކޫލެއް ހަދާނަމަ އިބްތިހާލްގެ ނަންދޭން ފެނޭ: ރައީސް ނަޝީދު

06 Nov 2019 | 15:10

ވ.ރަކީދޫގައި ސްކޫލެއް އަޅާނަަމަ އެ ސްކޫލަށް އިބްތިހާލްގެ ނަމުން ނިސްބަތްކޮށް ނަންދޭން ފެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރަކީދޫގައި ސްކޫލެއް އެޅުމާއި ބެހޭގޮތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ކުރެއްވި ސުވާލަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ދެއްވި ޖަވާބަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ރަކީދޫގައި ސްކޫލެއް އެޅުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަމަށާއި އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން އެކަމުގެ ފީސިބިިލިޓީ ސްޓަޑީއެއް ހަަދައި، ކިޔަަވައިދެވޭނީ ކޮން ގްރޭޑްތަކަކަށްތޯ ބަލަމުންގެންދާކަމަށް ޑރ.އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރަކީދޫގައި އާބާދީ މަދުވުމުގެ ސަބަބުން އެރަށު ސްކޫލްގައި ކިޔަވައިދިނުން ހުއްޓާލިތާ 12އަހަރު ވަނީ ވެފައެވެ.

މިނިސްޓަރގެ ވާހަކަފުޅަށްފަހު ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ރަކީދޫގައި މަދަރުސާއެއް ހައްދަވައިފި ނަމަ އެ މަދަރުސާއަށް އިބްތިހާލްގެ ނަމުން ނަން ދެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވިދާނެކަމަށެވެ.

ވ.ރަކީދޫއަކީ އެރަށެއްގައި 2015ވަނަ އަހަރު ގިނަ އަނިޔާތަަކަކާއި އެކު މަރާލާފައި އޮއްވާ ފެނުނު ތުއްތު އިބްތިހާލް ނިސްބަތްވާ ރަށެވެ. 

Advertisement

ކޮމެންޓް