ރައީސް ޔާމީންގެ ޝަރީއަތެއް މިމަހުގެ 17ވަނަ ދުވަހު ބާއްވަނީ

07 Nov 2019 | 12:05

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގގެ ދައުވާގެ އަޑުއެހުން މިމަހުގެ 17ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

މިކަން ވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގެ ފަރާތުން މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.

މި މައްސަަލަ ބެލުމަށް ތާވަލްކޮށް ޗިޓް ފޮނުވާފައިވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީގެ ސެކްޝަންގެ ފަރާތުންނެވެ. މިވަގުތު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވީ ގާޒީ އަލީ ރަޝީދެވެ. ސަބަބަކީ ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެ ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް 60 ދުވަހުގެ މުއްދަތަކަށް ގޭގައި މަޑުކުރެއްވުމަށް އަންގަވާފައި ވާތީއެވެ.

ގާޒީ އަލީ ރަޝީދު މި މައްސަލަ ބައްލަވާއިރު، އެބޭފުޅާ މި މައްސަލަ އަލުން ބައްލަވާނީތޯ ނުވަތަ ހުކުމް ކުރައްވާނީތޯ އަދި ޔަގީންވެފައެއް ނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން މައްސަލަ ބެލުމަށް ފަނޑިޔާރު ނުކުޅެދޭ ހާލަތުގައި އެ ކޯޓަކަށް ކަނޑައެޅިފައިވާ އެހެން ފަނޑިޔާރަކަށް މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ. ނުވަތަ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ވެސް ކަނޑައެޅިދާނެ އެވެ. ގާޒީ ހައިލަމްގެ މައްސަލަ ބަލައި އޭނާ މަގާމުން ވަކިކޮށްފި ނަމަ އެހެން ގާޒީ އަކާ މައްސަލަ ހަވާލު ކުރެވޭނެ އެވެ. އަދި މީގެ އިތުރުން އެ ގާޒީއަކަށް އެ މައްސަލަ އަލުން ފަށައިގެން ބެލުމުގެ އިހްތިޔާރުވެސް ލިބިގެންވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނޮވެމްބަރ މަހުގެ 17ވަނަ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ދައުރަށް އެއް އަހަރު ފުރޭނެ ދުވަހެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު އެއް މިލިޔަން ޑޮލަރު، އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރެއްވިކަމަށް ތުހުމަތުކޮށެވެ.

Advertisement

ކޮމެންޓް