Advertisement

ރަނިލްގެ ހުރިހާ އިމްތިޔާޒުތައް ދެމެހެއްޓުމަށް އިލްތިމާސްކޮށްފި

28 Oct 2018 | 19:54

ކޮޅުބުން މުހައްމަދު މުއައްލިމް އިބްރާހީމް

ގާނޫނީ މައްސަލަތަކެއްގެ މެދުގައިވާ ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި މިދިޔަ ހުކުރު ދުވަހާއި ހަމައަށް ހުންނެވި ޔޫއެންޕީގެ ލީޑަރ ރަނިލް ވިކްރަމަސިންހައަށް ގާނޫނީ ގޮތުން ލިބިދޭ ހުރިހާ ހައްގުތަކާއި އިމްތިޔާޒުތައް ދެމެހެއްޓުމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސުރިޔާ އިލްތިމާސްކުރައްވައިފިއެވެ.

ކަރޫ ޖަޔަސުރިޔާ މިހެން އަންގަވާފައިވަނީ ސްރީލަންކާގެ ބޮޑުވަޒީރު މައިތިރިޕާލާ ސިރިސޭނާއަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި އެމަނިކުފާނު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން، އެމަޖިލީހުގެ ހުރިހާ މެންބަރުންގެ ހައްގުތައް ދިފާއުކުރުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި ދިމާވެފައިވާ ގާާނޫނީ މައްސަލައިގެ ތެރޭގައިވެސް، އެހެން ފަރާތަކަށް މަޖިލީހުގެ މެޖޯރިޓީ ނުލިބެނީސް ރަނިލް ވިކްރަމަސިންހައަށް ލިބިލައްވާފައިވާ އިމްތިޔާޒުތަކާއި ހައްގުތައް އުނިކޮށްގެން ނުވާނެކަމަށް ކަރޫ ޖަޔަސުރިޔާ ވަނީ ވިދާޅުވެފައެވެ. ލަންކާގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިއީ މަޖިލީހުގެ ރައީސް، ރަނިލް އަކީ ގާނޫނީ ބޮޑުވަޒީރުކަމަށް ބަލައިގަތުމެވެ.

ކަރޫ ޖަޔަސޫރިޔާ މި ސިޓީފުޅު ރައީސްއަށް ފޮނުއްވާފައިވާ ހިނދު، އިއްޔެގެ ވަގުތެއްގައި ލަންކާގެ މީޑިޔާ އަދި މާލީ ވަޒީރު މަންގަލަ ސަމަރަވީރަ ވަނީ ބޮޑުވަޒީރު ރަނިލްގެ ކާރުކޮޅާއި ސަލާމަތީ ކަންކަން ބެލެހެއްޓުން އަނބުރާ ގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާކަމަށްބުނެ ޓްވީޓް ކުރައްވާފައެވެ.

މި ސިޓީގައި އިތުރަށްވަނީ ރައީސް ސިރިސޭނާއަށް ލިބިދޭ ޚާއްސަ ބާރުގެ ދަށުން ނޮވެމްބަރު މަހުގެ ސޯޅަވަނަ ދުވަހާއި ހަމައަށް މަޖިލިސް ހުއްޓުވާފައިވާތީ، އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެއީ މަޖިލީހުގެ ރައީސްގެ ލަފަޔާއި ނުލައި ނުކުރެވޭނެކަމެއް ކަމަށަ ބަޔާންކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ގައުމަށް އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ލަންކާގެ ސިޔާސީވެރިންނާއި ހަވާލާދީ އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މާދަމާގެ ވަގުތެއްގައި އަލަށް މަގާމާއި ހަވާލު ކުރެވުނު ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އެމަނިކުފާނުގެ ސަރުކާރު އިއުލާންކުރައްވާނެއެވެ.


Advertisement

ކޮމެންޓް