ރައީސް ޔާމީނާއި ދެކޮޅަށް ހުކުމްކުރަން ސަރުކާރުގެ އިސްފަރާތްތަކުން ނުފޫޒުފޯރުވި: ހައިލަމް

08 Nov 2019 | 03:42

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ހުކުމްކުރުމަށް ސަރުކާރުގެ އިސްފަރާތްތަކުން ނުފޫޒުފޯރުވަމުން ގެންދިޔަކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ މިރޭ ނެރުއްވި ނޫސްބަޔާނެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ހައިލަމްގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެކަމަށް ހިތައިގެން ވަރަށް ގިނަ މަސައްކަތްތައްކޮށްފައިވާކަމަށެވެ.

އަދި މި މަސައްކަތް އެންމެ ބޮޑަށް ކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހުގައިކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.

އިސްގާޒީ ހައިލަމް ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކަކުން އެބޭފުޅާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާާއި، ދަންނަ ފަރާތްތައް މެދުވެރިކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށް ހުުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވާކަމަށެވެ. އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެކަމަށް ބުނުމުން، މެއިމަހުގެ 19ވަނަ ދުވަހުގައި އަލްހާނާއި ހައިލަމްެގެ ދެމެދުގައި ހިނގި ފައިސާގެ މުއާމަލާތުގެ މައްސަލަ ޕޮލިސްގައި އެބައޮތްކަމަށާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނެނަމަ އެ މައްސަލަ ބެލޭނެކަމުގެ އިންޒާރުދިން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރުދިންއިރު، އެ ނުފޫޒު ފޯރަމުންދާާކަން މިހާާރު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީއަށްވެސް އެނގިވަޑައިގަންނަވާނެއެވެ.

"ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ޙުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށްނުޖެހޭނެއެވެ. އެއީ ކިތަންމެމަތީ މަޤާމެއްގައި ހުރި ފަރާތަކަށް ވިޔަސް ވެހެވެ"، ހައިލަމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް